ސޯޝަލް މީޑިއާއަކީ ދެމިއަލީ ކަނޑިއެއް ފަދަ އެއްޗަކަށް ވީއިރު އެއިން ލިބޭ ގެއްލުންތަކަކީ ދަރިން ސޯޝަލް މީޑިއާއަށް ވެއްދުމުގައި ބެލެނިވެރިން ފަސްޖެހޭ މައިގަނޑު އެއް ސަބަބެވެ. އެގޮތުން އޮޅުވާލައިގެން މީހުންނާ ވާހަކަ ދެއްކުމާއި ސޯޝަލް މީޑިއާ ބޭނުންކޮށްގެން ބްލެކް މެއިލްކުރުން ދަނީ އާއްމުވަމުންނެވެ.
މި ކަންކަމަށް ބަލާއިރު ދަރިން ސޯޝަލް މީޑިއާއަށް ތައާރަފްކުރާއިރު، އެ ކުދިންނަށް ކިޔައިދޭންޖެހޭ ބައެއް ކަންތައްތައް ހުރެ އެވެ. އަދި ބަލަންޖެހޭ ކަންތައްތައް ވެސް ހުރެ އެވެ.
ބަލާއިރު ސޯޝަލް މީޑިއާއަށް ދަރިން ތައާރަފުކުރާ އުމުރަކީ އެކަމަށް ހުއްދަކުރެވިފައިވާ އުމުރެއްކަން ކަށަވަރު ކުރަން ޖެހޭނެ އެވެ. ގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަދެވެނީ އުމުރުން ތޭރަ އަހަރުވުމުން ކަމަށްވުމާ އެކު މިއަށްވުރެ ހަނގު ކުދިން ސޯޝަލް މީޑިއާއަށް ތައާރަފުކުރުމާ ދުރުވާން ޖެހެ އެވެ.
ހަމަ އެއާއެކު އުމުރާ އަޅާބަލާއިރު ދަރިންގެ ވިސްނުމުގެ ގާބިލިއްޔަތު މިނެކިރަން ވާނެ އެވެ. ހެޔޮނުބައި ވަކިވާވަރުގެ ޔަގީންކަން އެކުދިންގެ ވިސްނުމުގައި ހުންނަން ވާނެ އެވެ. މިއާއެކު ދަރިންގެ ސޯޝަލް މިޑިއާ އެކައުންޓްތަކަށް ބެލެނިވެރިންގެ އެކްސެސް އޮވެ އެ ކުދިން ކުރާ ކަންތައްތައް ބެލޭނެގޮތް އޮންނަންވާނެ އެވެ.
މަތީގައި ދެންނެވުނު ކަންކަމަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ދަރިން ތައާރަފު ކުރުމުގެ ކުރިން މައިންބަފައިން ކުރުން މުހިންމު ކަންކަމެވެ. އެއީ އެ ދަރިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ޔަގީންކުރެވޭނެ ގޮތެވެ.