ރިސޯޓެއް ހަދަން ދޫކުރި ރ. ފުއްގިރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ބުނާ ފައިސާ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ޖަމާވި ފައިސާއާ ގުޅުމެއް ނޯންނާނެ ކަމަށް ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ދައުލަތުން އުފުލީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. ދައުލަތުން ތުހުމަތު ކުރަނީ ޔާމީން ރިޝްވަތު ނެންގެވީ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ކަމަށެވެ. އަދި އެ ފައިސާ ސަން ކުންފުނީގެ ދެ އެކައުންޓަކަށް ޖަމާ ކުރުމަށް ފަހު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކޮށް، ފައިސާ އިންވެސްޓްކުރީ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ. އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގަން ދައުލަތުން އެދުނެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ މަނީ ލޯންޑްރިންގެ އެހެން މައްސަލައެއްގައި ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ ކްރިކް ރިޒާ ހޯދުމަށް ފަހު ސަން ކުންފުނީގެ އެކައުންޓަކަށް ޖަމާކުރި ކަމަށް ކަމަށް ބުނާ ފައިސާއަކީ ކޮން ފައިސާއެއް ކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން އޮންނާނީ ދައުލަތާއި ކްރިކް ރިޒާއާ ދެމެދު ކަމަށެވެ. އަދި އެމަނިކުފާނުގެ އެކައުންޓަށް ސަން ކުންފުނިން ޖަމާކުރީ ޑޮލަރު ގަތުމުގެ މުއާމަލާތަކާ ގުޅޭ ފައިސާއެއް ކަމަށާއި އެއީ ކުށެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދައުލަތުން އެއްވެސް ހެއްކެއް ނެތި ތުހުމަތު ކުރަނީ ގަބޫލުކުރާ ކުރުމުގެ މައްޗަށް އެކަނި ކަމަށެވެ.

މީގެ އިތުރުން ހެކިންގެ ގޮތުގައި ހުށަހަޅާފައި ތިބި ކުށުގެ ބައިވެރިންތަކެއް ކަމަށާއި އެފަދަ މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމެއް އެބައޮތް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނަށް ތުހުމަތު އަމާޒުކުރީ ޕްލީ ބާގެއިން އެއްބަސްވުންތަކެއް ބަޔަކާ ހެދިފަހުން ކަމަށް ވިދާޅުވި އެވެ. ޔާމީން އެ އިޝާރާތް ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތަށެވެ.

ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ އޭގެ ތެރެއިން ބަޔަކު ހުޅުމާލޭ ޕެންޓް ހައުސްއެއްގައި ތިބި ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ 20 އަހަރުގެ ޖަލު ހުކުމަކާ އެކު، އެކަމަކު ގޭ ބަންދުގައި ހުކުމް ތަންފީޒު ކުރަމުން ގެންދަވާ އަދީބަށެވެ. އެކަމަކު އިސް ގާޒީ ޝަކީލް ވަނީ އެ ވާހަކަތައް ހުއްޓުވުމަށް ފަހު، ހެކިންގެ ވާހަކަ އެހެން މަރުހަލާއެއްގައި ދައްކަން ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު އޮތީ ދައުވާ ސާފުކޮށް ދިނުން އެކަންޏެވެ. ދައުވާއަށް ޖަވާބުދާރީވުމުގެ އަޑުއެހުން މިމަހުގެ ފަހުކޮޅު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

އެ ދެ ދައުވާއާ ގުޅިގެން ބައެއް ލިޔުންތައް ނުލިބޭތީ އެ ލިޔުންތައް ހޯދުމަށް ވަކީލުން މިއަދު އެދިވަޑައިގަތެވެ. އެހެން ނަމަވެސް ގާޒީ ނިންމެވީ ލިޔުންތައް ހޯދަން އަމުރު ނެރެން ޖެހިއްޖެ ނަމަ ފަހުން އެކަން ކުރެއްވުމަށާއި މިވަގުތު ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދިއުމަށެވެ. ގާޒީގެ އެ ނިންމުން އިސްތިއުނާފް ކުރަން ބޭނުންވާތީ އެ ނިންމުން ލިޔުމުން ދޭން ޔާމީންގެ ވަކީލުން އެދިވަޑައިގަތަސް، ގާޒީ ވިދާޅުވީ ލިޔުމުން ދޭން އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.