މަޝްހޫރު ޓީވީ ބަތަލާ އަދި މިހާރު ބޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާ މޯނީ ރޯއި ރެސްޓްރޯރަންޓެއް ހުޅުވައިފި އެވެ.

މޯނީ މިރެސްޓްރޯރަންޓް ހުޅުވާފައި ވަނީ މުމްބާއީގައި އެވެ.

"ބަދުމާޝް"ގެ ނަމުގައި ހުޅުވި މި ރެސްޓްރޯރަންޓަކީ އިންޑިއާގެ ކެއުންތަކަށް ހާއްސަކޮށްގެން ހުޅުވި ރެސްޓްރޯރަންޓެއް ކަމަށް މޯނީ ބުންޏެވެ. އަދި މީގެ އިތުރުން ތަފާތު ވައްތަރުގެ ބުއިންތައް ވެސް މި ރެސްޓްރޯރަންޓުން ލިބިގެންދާނެ އެވެ.

މި ރެސްޓްރޯރަންޓަކީ މޯނީގެ އިތުރުން ވީއެންޑްރޯ ހޮސްޕިޓާލިޓީ ގްރޫޕުގެ ހިއްސާ އޮންނަ ރެސްޓްރޯރަންޓެކެވެ.

މޯނީ ހިއްސާއާއެކު ހުޅުވި "ބަދުމާޝް" ރެސްޓްރޯރަންޓް

"ބަދުމާޝް" ގެ އައުޓްލެޓްތައް ކުރިން ހުޅުވާފައި ވަނީ ކޮލްކަލްކަތާ އާއި ބެންގަލޫރްގަ އެވެ.

މުމްބާއީގައި ހުޅުވި އައުޓްލެޓަށް އިންވެސްޓްކުރުމާ ގުޅޭ ގޮތުން މޯނީ ބުނީ އެ ވިޔަފާރި އަށް އިންވެސްޓްކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ އިންޑިއާގެ ކެއުންތަކަށް ހާއްސަ ވިޔަފާރިއަކަށްވެފައި، ޒަމާނަށް ފެތޭ ގޮތަށް އެހާމެ ހިތްގައިމުކޮށް "ބަދުމާޝް" ގެ ވިޔަފާރި ބައްޓަން ކުރަމުން އަންނާތީ ކަމަށެވެ.

ޓީވީ ޝޯ، "ނާގިން" އިން ބޮޑު މަގްބޫލުކަމެއް ހޯދި މޯނީ އެންމެ ފަހުން މަސައްކަތް ކުރީ ރަންބީރު ކަޕޫރާއި އާލިއާ ބަޓާއެކު "ބްރަހްމަސްތުރާ"ގަ އެވެ.

މޯނީ ވަނީ ބްރަހްމަސްތުރާގެ ކުރިން ވެސް ބައެއް ފިލްމުތަކުން ފެނިފަ އެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރާއެކު "ގޯލްޑް" އާއި ޖޯން އަބްރަހަމާއެކު "ރޯމިއޯ އަކްބަރު ވޯލްޓާ" އަދި ރާޖްކުމާރު ރާއޯއާއެކު "މޭޑް އިން ޗައިނާ" ހިމެނެ އެވެ.

މޯނީ ވަނީ މިދިޔަ އަހަރު ދުބާއީގައި ދިރިއުޅޭ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ސޫރަޖުއާ ކައިވެނިކޮށްފަ އެވެ. މޯނީ އާއި ސޫރަޖް ކައިވެނިކޮށްފައި ވަނީ ރައްޓެހިވެގެން އުޅޭތާ ތިން އަހަރު ފަހުންނެވެ.