މިދިޔަ ހުކުރު ދުވަހުގެ ރޭ މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވީ ހުއްޓިފައި އޮތް ކާރެއް ނަގަން ގޮސް އޮތް ފުލުހުންގެ ޕިކަޕެއްގައި ޖެހިގެންކަން ހާމަވެއްޖެ އެވެ.

"ހުރިހާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓްވީ ހުޅުމާލެ ކޮޅަށް ދާއިރު ސީ ޕްލޭން ޓާމިނަލާ ދިމާލުން އޮންނަ ބެންޑް ސަރަހައްދުގައި ހުއްޓިފައި އޮތް ކާރެއް ޓޯކުރަން ފުލުހުންގެ ޕިކަޕަކާއި ފޯކް ލިފްޓެއް މަޑުކޮށްގެން އޮއްވަ އެވެ.

އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފަ އެވެ. މަރުވެފައި ވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެވަގުތު ސައިކަލު ދުއްވާފައި ދިޔައީ ވަރަށް ބާރަށެވެ. އެ އެކްސިޑެންޓުގައި ނިޔާވި މީހާގެ ހަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުން ލިބި، ބޯފަޅައިގެން ގޮސް، ގިނަ އަދަދެއްގެ ލޭ އޮހޮރިފައިވެ އެވެ.

ހައިވޭގައި އެކްސިޑެންޓުވި އެ ހިސާބަކީ އާންމުކޮށް އެއްވެސް ލައިޓެއް ނުޖައްސައި ވަރަށް އަނދިރިކޮށް އޮންނަ ތަނެކެވެ.

އަނދިރީގެ ތެރޭގައި ހުއްޓިފައި އޮތް ކާރު ޓޯކުރަން ދިޔަ ފުލުހުންގެ ވެހިކަލް އޮތީ ދެކޮޅަށް ސިގްނަލް އަޅައިގެންނެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ބްރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ. ބައެއް އެކްސިޑެންޓްތަކުގައި މީހުން މަރުވެފަައިވެ އެވެ. ގިނަ އެކްސިޑެންޓްތައް ހިނގަނީ ބާރަށް ދުއްވުމުގެ ސަބަބުންނާއި ގަވާއިދުތަކާއި ހިލާފަށް އަމަލު ކުރުމުންނެވެ.