ފޯރިގަދަ ކެމްޕޭނު ތަކަކަށް ފަހު ތުރުކީގެ އިންތިޚާބުގެ ދެވަނަ ބުރު ކުރިޔަށް އެބަދެއެވެ. 0.5 ޕަސެންޓުގެ ވޯޓު މަދުވުމުގެ ސަބަބުން ފުރަތަމަ ބުރުން ކާމިޔާބާ ހަމަޔަށް ވާސިލު ނުވެނު މިހާރުގެ ރައީސް އުރުދުޣާނަށް އިންތިޚާބު ކާމިޔާބުވެ ވަޑައިގަންނަވާނެ ކަމުގައި ބެލެވެ އެވެ.

1960 ވަނަ އަހަރުގެ ސިފައިންގެ ބަޣާވަތަކުން ޝަހީދު ކޮށްލި ޕްރައިމިނިސްޓަރެއްގެ މަގުބަރާ އަށް އުރުދުޣާން ޒިޔާރަތް ކުރައްވައި ކެންޕޭން ނިންމަވާ ލެއްވުމުގެ ގޮތުން، ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކޮށް ވެރިކަން ވައްޓާލުމަކީ މިހާރު މާޒީ އަކަށް ވެފައި ވާ ކަމުގައެވެ. އުރުދުޣާން ކެމްޕޭން ކުރެއްވީ އެމަނިކުފާނުގެ 20 އަހަރުގެ ވެރިކަމުގައި ގައުމަށް ހަމަ ޖެހުން ގެންނަވައި ދޭތެރެ ދޭތެރެއިން ސިފައިން ގެންނަމުން ދިޔަ އިންގިލާބުތަކުގެ ސަގާފަތް ނިންމަވައި ލައްވާފައި ކަމުގައި ވިދާޅު ވަމުންނެވެ.

އެއާއެކު ގައުމުގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަކުރައްވައި އިސްލާމީ އުސޫލުތަކާ އެކު ޔޫރަޕްގައި ކުރިއަރާފައިވާ ބާރުގަދަ ގައުމަކަށް ތުރުކީ ބަދަލު ކޮށް ދެއްވި ކަމުގެ ވާހަކަފުޅާ އެކު އެމަނިކުފާނަށް ދެއްވާ ވޯޓަކީ ގައުމުގެ ހަމަޖެހުމަށް ދެއްވާ ވޯޓެއް ކަމުގައި ވިދާޅުވަމުންނެވެ.

އިދިކޮޅު ލީޑަރު ކަމާލް ކިލިޗްދަރޯ ކެމްޕޭން ކުރައްވަން މައިގަނޑު ގޮތެއްގައި ޔޫޓިއުބް ޓީވީ ޗެނަލެއް ކަމުގައިވާ ބާބާލާ ޓީވީ އެވެ. ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު މިޒަމާނުގެ ތުރުކީގެ ބާނީ ކަމުގައި ބެލެވޭ މުސްތަފާ ކަމާލު އަތާތުރުކުގެ ޕާޓީ ކަމުގައިވާ ރިޕަބްލިކަން ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން ހަ ޕާޓީ އެއްގުޅިގެން އުފައްދައިފައިވާ ކޯލިޝަނުން ވަކާލާތު ކުރަމުން ގެންދަނީ ގައުމުގެ އިގުތިސާދު ހަމަޔަކަށް އަޅުވައި އިތުރު މިނިވަންކަން ރައްޔިތުންނަށް ދޭނޭ ކަމުގަ އެވެ.

ކިލިޗްދަރޯގެ ކެމްޕޭން ބޮޑަށް އަމާޒު ކުރެއްވީ ޒުވާނުންނަށެވެ. އުރުދުޣާންގެ ދިގު ވެރިކަން ބަދަލު ކުރަން ގިނަ އަދަދެއްގެ ޒުވާނުން ބޭނުން ވާނެ ކަމުގައި އިދިކޮޅުން އުންމީދު ކުރެއެވެ. އިދިކޮޅުން އުންމީދު ކުރަނީ ފުރަތަމަ ބުރުގައި ވޯޓު ލާން ނުނިކުންނަ ގިނަ ޒުވާނުން މިއަދު ވޯޓު ލާން ނިކުތުމުގެ ސަބަބުން ވޯޓު އިތުރުވާނެ ކަމުގަ އެވެ.

ޚިޔާލު ހޯދުމުގެ ވޯޓު ތަކަށް ބަލާ އިރު އުރުދުޣާން ކާމިޔާބު ކުރައްވާނެ ކަމުގައި ބެލެވޭ މިއަދުގެ ވޯޓު ލުން ވެގެން ދާނީ ތުރުކީގެ ތާރީޚުގައި ޚާއްސަ ދުވަހެއްގައި ލެވޭ ވޯޓަކަށެވެ. މިއަދަކީ އެއްހާސް އަހަރަށް ވުރެ ގިނަ ދުވަސް ވަން ދެން ބަލިނުވެ ހިނގަމުން ދިޔަ ރޯމަނުންގެ ވެރިކަން އުސްމާނީންގެ އަތް މައްޗަށް ބަލިވެ ބައިޒަންޓައިންގެ ވެރިރަށް ކޮންސްޓަންޓިނޭޕްލްސް ތުރުކީގެ އަތް މައްޗަށް ގެނައި ދުވަހެވެ. އެއީ މިހާރުގެ އިސްތަންބޯލެވެ.

ރައީސް އުރުދުޣާން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމުގައި ބެލެވޭ އިރު އިދިކޮޅުން އަންނަނީ ވޯޓު އޮޅުވާލުން ފަދަ ކަންތައް ކުރާނެ ކަމަށް ބުނެ އެތައް ބަޔަކު ވޯޓު ނަގާ ސަރަހައްދުގައި ފާރަޔަށް ތިބުމަށް ގޮވާލަމުންނެވެ. މޭ14 ގައި އޮތް އިލެކްޝަންގެ ފުރަތަމަ ބުރު އޮބްޒާވް ކުރި ބައިނަލް އަގުވާމީ އޮބްޒާވަރުން ބުނެފައިވާ ގޮތުގައި ވޯޓު ލުން ދިޔައީ ވަރަށް އިންސާފު ވެރިކޮށެވެ.