ސައޫދީ އަރަބިޔާ އާއި އީރާން، ސިޔާސީ ގުޅުން ގާއިމު ކުރިކަމުގައި ވިޔަސް އިޒްރޭލާ ސައޫދީގެ ގުޅުންތައް އާދައިގެ ހާލަތަށް ގެނެވޭނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުގެ ކުރީގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

އިޒްރޭލްގެ އިންސްޓިޓިއުޓް ފޯ ނޭޝެނަލް ސެކިއުރިޓީ ސްޓަޑީސްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޔޮސީ ކޯހެން ވިދާޅުވި ގޮތުގައި ސައޫދީ އިޒުރޭލް ގުޅުން އާދައިގެ ހާލަތަށް ގެނައުމަކީ ކޮންމެހެން ވާން ބޭނުންވާ އަދި ވުން އެކަށީގެންވާ ކަމެކެވެ.

މޮސާޑުގެ ވެރިކަން އެންމެ ފަހުން ކޮށްފައިވާ ކޯހެން ވަނީ ސައޫދީ ޕްރިންސް މުހައްމަދު ނިން ސަލްމާނާ މެދު އޭނާ ދެކެވަޑައިގަންނަވާގޮތާ ބެހޭ ގޮތުން ވެސް އެ ޖަލަސާގައި ވާހަކަފުޅު ދައްކަވާފަ އެވެ.

ކޯހެން ދެކެވަޑައިގަންނަވާ ގޮތުގައި ސައޫދީން އީރާނާ ގުޅުން ގާއިމުކުރީ އިޒުރޭލާ ދެކޮޅުވެރި ވުމުގެ ގޮތަކުން ނޫނެވެ. އެހެންނަމަވެސް އެ ގުޅުމުން މުހައްމަދު ބިން ސަލްމާނު މެސެޖެއް ދެއްވީ އެމެރިކާ އަށެވެ.

ކޯހެން އިތުރަށް ވިދާޅުވި ގޮތުގައި އެމެރިކާ އިން އަމަލު ކުރާ ހަރުކަށި ގޮތާ މެދު ޕްރިންސް ވަނީ ވަރަށް ބޮޑަށް ނުރުހުން ވެވަޑައިގެންފަ އެވެ. އެހެންކަމުން ޗައިނާ އާއި އީރާނާއެކު ގާތް ގުޅުން އުފައްދަވައިގެން މުހައްމަދު އެމެރިކާއަށް ފޯރު ކޮށްދެއްވަން ބޭނުންފުޅުވި މެސެޖަކީ އެމެރިކާ ނޫނަސް އެފަދަ އެހެން ފަރާތްތައް ހުރި ކަމެވެ. އެހެންކަމުން ކޯހެން ވިދާޅުވީ ސައޫދީގެ އަމަލާ މެދު ރަނގަޅަށް ނުވިސްނައި އެކަމަށް އިޒްރޭލުން ފާޑު ކިޔައިގެން ނުވާނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މެދުއިރުމަތީގައި ސައޫދީގެ ގުޅުންތަކުގެ ނާޒުކުކަމެވެ.

"އިޒްރޭލާއެކު ގުޅުން ގާއިމުކުރުމުގެ ކުރިން މުސްލިމު ގައުމުތަކުގެ 'ޓެމްޕްރޭޗަރު' ހުރިގޮތެއް ބެލުމަކީ ސައޫދީން ކުރަން ޖެހޭ ކަމެއް. ދެ ހަރަމްގެ ވެރިޔާގެ ހައިސިއްޔަތުން ސައޫދީން ކުރާ ކަމަކަށް މުސްލިމުން މާފު ކުރާނެކަން ކަށަވަރު ކޮށްފައި ނޫނީ ސައޫދީ އަކަށް ކުރިޔަކަށް ނުދެވޭނެ،" އިޒުރޭލާ އެކު އާދައިގެ ގުޅުމެއް ބޭއްވުމަށް ސައޫދީން ލަސްވާ ސަބަބު ދިފާއު ކުރައްވައި ކޯހެން ވިދާޅުވި އެވެ.

އިޒްރޭލާ ސައޫދީގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ޕްރިންސް މުހައްމަދު ބިން ސަލްމާނު ވިދާޅުވެފައި ވަނީ ފަލަސްތީނާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމުން އިޒްރޭލާއެކު ގުޅުން ބާއްވަން ތައްޔާރު ކަމަށެވެ.