ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެ ދަ ޑިމޮކްރެޓްސް އިން އަތުލައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ފަށައިފި އެވެ.

މިއަދު ހަވީރު އެ ޕާޓީގެ އިސް ބޭފުޅުންތަކެއް އެ ހަރުގެއަށް ދިޔައީ އެތަނުގެ ވެރިފަރާތް ކަމަށްވާ ޝަފީއާ ޒުބައިރުއާ އެކު އެވެ. އެ ހަރުގެ ހުޅުވައިދެއްވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދެވެ. އެއަށްފަހު އަމްރު އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވަނީ ހަރުގޭގެ ފާރުގެ ކުލަ ބަދަލުކުރުމުގެ މަސައްކަތް އަމަލީގޮތުން ކުރިއަށްގެންގޮސްފަ އެވެ.

އެ ހަރުގޭގެ ބޭރު ފާރުގައި ހަރުކޮށްފައި ހުރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފޮޓޯޖެހި ޕޯސްޓަރު ވެސް ވަނީ ވަޅިއަކުން ކަފާލައި ނައްޓާލައިފަ އެވެ. އެ ފޯސްޓަރު ނައްޓައިލީ ބޯދިގެވެ.

އެ ހަރުގެ ސަރަހައްދުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވީ ދަ ޑިމޮކްރެޓްސްއަށް ވަނުމުގެ ފޯމު ފުރުމުގެ ކަންތައް ހަރުގޭގައި ކުރިއަށްދާނެ ކަމަށެވެ.

އެމްޑީޕީ ހަރުގެ ދަ ޑިމޮކްރެޓްސް އިން ވަނީ ބޭނުންކުރަން ފަށާފައި--- ފޮޓޯ: ހުރިހާ

އެ ހަރުގެ ދަ ޑޮމކްރެޓްސް އިން އަތުލާފައި ވަނީ ހަރުގެ ހަވާލުކުރަން އެންގި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން އެގޭގެ ވެރިފަރާތްކަމަށްވާ ޝަފީއާ ޒުބައިރު ވިދާޅުވީ އޭނާ އެންގި އެންގުމަށް އެ ހަރުގެ އަނބުރާ ހަވާލުކޮށްފައިނުވާތީ، ގެއްލުމުގެ ބަދަލު ހޯދަން އެމްޑީޕީއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ. އޭނާ ބުނީ އެތަން ހުސްކުރަނީ 15 ބުރީގެ އިމާރާތެއް އެޅުމަށްޓަކައި ކަމަށެވެ.

ޝަފީއާ ބުނީ ދަ ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތް ހިންގަން އެތަން ދޫކޮށްފައިނުވާނެ ކަމަށާއި އެތަން ކުއްޔަށް ދޫކުރީ ވިޔަފާރިވެރިޔަކަށް ކަމަށެވެ.