ނޫކަށިފުރާގައި ދަރިމައިވުމަކީ އިހު ދިވެހިންގެ މެދުގައި އޮތް ސަގާފަތެއް ނަމަވެސް މިއަދު ދިވެހި އަންހެނުން ދަރިމައިވުން ލަސް ކުރުމަކީ އާއްމުކަމަށް ވަނީ ވެފަ އެވެ. ތިރީހުގެ އަހަރުތަކާއި ސާޅީހުގެ އަހަރުތަކުގައި ވެސް ދަރިމައިވާ އަންހެނުން މިހާރު އުޅެ އެވެ. ސުވާލަކީ މިއީ ސިއްހީ ގޮތުން ކިހާ ރައްކާތެރި ކަމެއްތޯ ކުރެވޭ ސުވާލެވެ.
ދަރިމައިވާން އެންމެ ރަނގަޅު އުމުރަކީ ކޮބާ؟
ސިއްޚީ މާހިރުން ބުނާގޮތުގައި ދަރިން ހޯދުމަށް އެންމެ ރަނގަޅު އުމުރަކީ 20-35 އަހަރާ ދެމެދެވެ. މި އުމުރަކީ ދަރިފުޅަށާއި މައިމީހާއަށް އެންމެ ރަނގަޅު އުމުރުކަމަށް ސިއްހީ މާހިރުން ބުނެ އެވެ. އުމުރުން 20 އަހަރާއި 30 އަހަރާއި ދެމެދު ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމަށްފަހު ދެވަނަ ދަރިއަށް 30 އަހަރާއި 35 އަހަރާއި ދެމެދު ބަލިވެއިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް އެމީހުން ބުނެ އެވެ.
ދަރިމައިވުން ލަސްކުރުމުން މާބަނޑުވާން އުނދަގޫ ވޭތަ؟
އަންހެނުން އަލަށް މައްސަރުކަންތައް ފެށުމާއެކު ބިސްރަވައިގައި (އޯވަރީގައި) 300،000 ބިސް އުފައްދައެވެ. ކޮންމެ ފަހަރަކު ބަލިވެ އިނުމާއި އަދި އުމުރު މަތިވަމުން އަންނަ ވަރަކަށް ބިސްތައް މަދުވަމުން ދާނެކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ. އެހެން ކަމުން 35 އަހަރުން މަތިވުމާއެކު އޯވަރީގައި އުފައްދާ ބިހުގެ އަދަދު މަދުވުމުން ބަލިވެ އިނުމަށް އުނދަގޫތަކާ ކުރިމަތިވެ އެވެ.
ދަރިމައިވުން ލަސްކުރުމުގެ ނުރައްކާތަކަކީ ކޮބާ؟
އުމުރުން 35 އަހަރުން މައްޗަށް ދާފަހުން ދަރިން ހޯދުމުން ވަކި ހިސާބަކުން ބައިގެން ދިޔުމާއި ކުއްޖާ ބަނޑަށް މަރުވުން އަދި ވިހެއުމަށްފަހު ކުއްޖާ މަރުވުން ފަދަ މައްސަލަތައް ދިމާވެ އެވެ. މީގެ އިތުރުން އައިބުތައް ހުންނަ ކުދިންވެސް މިފަދަ މައިންނަށް ލިބުން އިތުރު ކަމަށް ދިރާސާތަކުން ދައްކަ އެވެ.
މިކަމުން މައިމީހާ ލިބޭ ގެއްލުންތަކުގެ ތެރޭގަައި ހަކުރު ބައްޔަށް މަގުފަހި ވުމާއި މާބަނޑު އިރު ލޭ މައްޗަށް ދިއުން އަދި ރަހިމުން ބޭރުގައި ދަރިފުޅު އުފެދުން ފަދަ ކަންތައްތައް ހިމެނެ އެވެ.
އެހެން މައިންނާ ހުރި ތަފާތަކީ ކޮބާ؟
ޒުވާން އުމުރުގައި ދަރިމައިވާ އަންހެނުންނާ ހލާފަށް އުމުރުން މައްޗަށް ދިއުމުން ދަރިމައިވާ އަންހެނުން ގުދުރަތީ ގޮތުން ވިހެއުމުގެ ފުރުސަތު ކުޑަވެ އެވެ. މީގެ އިތުރުން އެހެން މީހުންނާ އަޅާ ބަލާއިރު މިފަދަ މައިންނަށް މާބަނޑު ދުވަސްވަރު ކުރިމަތިވާ ކުދިކުދި އުނދަގޫތައް ވެސް ބޮޑުވެ އެވެ.