މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، (އެމްޓީސީސީ)ގެ މިދިޔަ އަހަރުގެ އާއްމު ޖަލްސާ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

އެމްޓީސީސީގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މިއަހަރުގެ އޭޕްރީލް 12 ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މިމަހުގެ 13 ވަނަ ދުވަހުގެ 20:30 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށާއި އެމްޓީސީސީގެ ޝެއާހޯލްޑާސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް ރަޖިސްޓްރީ ވެވޭނެ އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ލިސްޓިން ރޫލްސްއާއި ސެކިއުރިޓީޒް ކޮންޓިނުއިން ޑިސްކްލޯޝާ އޮބްލިގޭޝަން އޮފް އިޝުއަރޒް ރެގިއުލޭޝަންގެ ދަށުން، ކުންފުނިތަކުގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބާއްވަން ޖެހެ އެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އިން ވަނީ މި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް އެމްޓީސީސީއަށް މުއްދަތު ދީފަ އެވެ. އެއީ 2022 ވަނަ އަހަރުގެ އަހަރީ އޮޑިޓް ނިންމުމަށް ބޭނުންވާ ބައެއް ލިޔެކިޔުން ނުލިބުމާއި ގުޅިގެންނެވެ.

އަހަރީ އާންމު ޖަލްސާގައި 2022 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދު ފާސްކުރުމާއި މިދިޔަ އަހަރުގެ ކުންފުނީގެ ފައިނޭންޝަލް ސްޓޭޓުމެންޓުތައް ފާސްކުރުމާއި ކުރިއަށް އޮތް އަހަރަށް ކުންފުންޏަށް އޮޑިޓަރުން އައްޔަނުކުރާނެ އެވެ. އަދި ކުރިއަށް އޮތް ދައުރަށް އެ ކުންފުނީގެ ބޯޑަށް އައްޔަނު ކޮށްފައިވާ އަދި އިންތިހާބުވެފައިވާ ފަރާތްތައް އިއުލާނު ކުރުން ވެސް އޮންނާނެ އެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަށް ހަތަރު ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށެވެ. މިގޮތުން މިދިޔަ އަހަރުގެ ފައިދާ އިން ޖުމްލަ 32 މިލިއަން ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވެ އެވެ.