ތިމާވެށި ދުވަހާއި ގުޅުވައިގެން ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އާބަންކޯއިން ބުނީ މިހަރަކާތްތަކީ އެކުންފުނި ފަށާފައިވާ "ދުނިޔެ މަގޭ" ކެމްޕޭނު ދަށުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށެވެ. މިކެމްޕޭނަކީ ދުނިޔޭގެ ތިމާވެށްޓަށް ކުރިމަތިވަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ތަޢާރުފުކޮށްފައިވާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ގިނަ ކަންތައްތަކެއް މުޅި އަހަރަށް ބަހާލައިގެން ރާވާފައިވަކަމަށް އާބަންކޯއިން ބުނެ އެވެ.

ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 ގައި ޗެނަލް ޕާކު ބީޗު ސަރަހައްދުންނެވެ.

އެ ސަރަހައްދުން ފެށިގެން ހުޅުމާލޭގެ ހަތް ސަރަހައްދެއް ސާފުކުރަން ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ބުނެ އެވެ. އެއީ ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތަކެވެ.

އެ ދުވަހުގެ ހެނދުނު 10:45 ގައި ސާފުކުރުމުގެ ހަރަކާތް ނިންމާލުން އޮންނާނީ ވޯޓާ ސްޕޯޓްސް ހަރަކާތްތަކާ އެކުގައި ކަމަށް އާބަންކޯއިން ބުނެ އެވެ. މިހަރަކާތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކާއި، ސަރުކާރު ކުންފުނިތައް އަދި މިނިސްޓްރީތަކުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.