ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މާދަމާ ހައިކޯޓުގައި ފަށަން ނިންމައިފި އެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީލޯންޑަރިންނާއި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ފަށަނީ އެ މައްސަލަ ލަސްވާތީ ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕުން އެތައް ފަހަރެއްގެމަތިން ހައިކޯޓަށް ވަޑައިގެން ކަންބޮޑުވުންފާޅުކޮށްފައިވަނިކޮށެވެ.

މާދަމާ ޝަރީއަތް އޮންނާނީ މެންދުރުފަހު 14:00ގަ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ މައްސަލަ ގަސްތުގައި ހައިކޯޓުން ލަސްކުރާ ކަމަށް އެ ޕާޓީން ތުހުމަތުކުރެ އެވެ. އެ ޕާޓީން ބުނަނީ އެއީ އިސްތިއުނާފު މަރުހަލާއިން މިނިވަންވުމުގެ ފުރުސަތު ނުދިނުމައްޓަކައި ކުރާ ކަމެއް ކަމަށެވެ.

މީގެއިތުރުން ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަށް ރ. ފުއްގިރު ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީނަށް ވަނީ މަނީލޯންޑަރިން އާއި ރިޝްވަތުގެ ދައުވާ އުފުލައިފަ އެވެ. ކްރިމިނަލް ކޯޓުން ބަލަމުން އަންނަ އެ މައްސަލައިގައި ދެން އޮންނާނީ ދައުލަތުން ހުށަހަޅާ ހެކީންގެ ހެކިބަސް ނެގުމެވެ.