އަޑަށް ވުރެ 15 ގުނަ ބާރަށް ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ހައިޕަސޮނިކް މިސައިލް އުފައްދައިފި ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުން ހައިޕަސޮނިކް މިސައިލް އުފެއްދިކަން އިއުލާން މި ކުރީ އެ ގައުމުގެ ނިއުކުލިއަ ޕްރޮގްރާމުގެ މައްސަލާގައި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ވަކިން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އީރާނުގެ ގައުމީ ޓީވީން މި ޚަބަރު އިއުލާންކުރަމުން ބުނި ގޮތުގައި "ފައްތާހު"ގެ ނަމުން ނަން ދީފައިވާ ހައިޕަސޮނިކް މިސައިލަށް 870 މޭލުގެ ރާސްތާ އަށް ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިފައިވެ އެވެ.
މިސައިލުގެ ބާރު ސްޕީޑާއެކު ދުނިޔޭގެ އެއްވެސް ގައުމެއްގެ ވައިގެ ދިފާއީ ނިޒާމަށް އެ މިސައިލް ހުއްޓުވުމުގެ ކުޅަދާނަކަން ލިބިގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.
މިސައިލާ ބެހޭގޮތުން ޓީވީން ދެއްކި ވީޑިއޯ ކްލިޕްތަކަށް ބަލައި ތަޖުރިބާ ކާރުން ބުނަނީ އެއީ އިބްރާހިމް ރައީސީ ވެރިކަމާ ހަވާލުވެޑައިގެންނެވުމުގެ ކުރިން އެ ގައުމުގެ ރިޕަބްލިކަން ގާޑުން ތައްޔާރުކުރާ ކަމަށް އިއުލާންކުރި މިސައިލުގެ މަންޒަރުތައް ކަމަށެވެ.
ރިޕަބްލިކަން ގާޑަކީ އީރާނުގެ އެންމެ ވަރުގަދަ ސަލާމަތީ ބާރެވެ. އެ ގްރޫޕްގެ އަތުގައި މިހާރު ވެސް ގިނަ އަދަދަކަށް ބެލިސްޓިކް މިސައިލް ހުރި ކަމަށްވެ އެވެ.
އަޑަށް ވުރެ 15 ގުނަ ބާރަށް ދަތުރު ކުރުމު ގާބިލުކަން ލިބިފައިވާ ހައިޕާސޮނިކް މިސައިލަކީ އޭގެ ބާރު ސްޕީޑާއި އަވަސް ހަރަކާތުގެ ސަބަބުން ގައުމުތަކުގެ ވައިގެ ދިފާއު ފަސޭހައިން ފޫއަޅުވާލެވޭ ފަދަ މިސައިލެކެވެ. އެމެރިކާ އާއި ޗައިނާ އިން ވެސް މިފަދަ މިސައިލް އީޖާދުކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށްވެ އެވެ.
ރަޝިޔާ އިން ވަނީ މާ ކުރިން މި ބާވަތުގެ މިސައިލް އުފައްދައިފި ކަމަށް އިއުލާންކޮށްފަ އެވެ. މިހާރު ހިނގަމުންދާ ޔުކްރޭން/ ރަޝިޔާ ހަނގުރާމައިގައި ވެސް މީގެ މިސައިލް ބޭނުން ކުރި ކަމަށް ރަޝިޔާއިން ބުނެ އެވެ.