އެއީ ދިވެހި ރާއްޖޭގެ ނެލްސަން މަންޑޭލާ އެވެ. އެއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެންމެ ގިނަ ދުވަހަކަށް ވެރިކަންކުރެއްވި ވެރިޔާ މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިންމާލުމަށްޓަކައި މަގުމައްޗަށް ނިކުމެވަޑައިގެންނެވި ލީޑަރެވެ. ޖަލުގައި ދެތިން ފަހަރަކު ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނު ކުރައްވަން ނިކުންނެވި މަސައްކަތްޕުޅު، ރައްޔިތުންގެ ގިނަ ބައެއްގެ އެއްބާރުލުމާއެކު ކާމިޔާބު ކުރައްވާފަ އެވެ.

ކުރީގެ ރައީސް މައުމޫނުގެ، އެއްބަޔަކަށް ރަން އަނެއް ބަޔަކަށް އަނިޔާވެރި، ތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް ގެންނަވައި ރާއްޖޭގައި ގިނަ ޕާޓީތަކެއް ބައިވެރިވާ ގޮތަށް 2008 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައި ރައީސަކަށް ވެވަޑައިގެންނެވި އެވެ. އެ ހިސާބުން އެމަނިކުފާނުގެ ސަޕޯޓަރުންނަށް އެމަނިކުފާނު ސިފަވީ ރާއްޖޭގެ ނެލްސަލް މަންޑޭލާގެ ގޮތުގަ އެވެ.

ނެލްސަން މަންޑޭލާއަކީ 1918 ވަނަ އަހަރު ސައުތު އެފްރިކާގެ ޝާހީ އާއިލާއަކަށް އުފަންވެ ވަޑައިގެންނެވި ބޭފުޅެކެވެ. އޭރު ސައުތު އެފްރިކާގައި އޮތީ އެ ގައުމުގެ ބައިމަދު ދޮން މީހުންގެ ވެރިކަމެވެ. ނަސްލީ އިމްތިޔާޒުން ހިންގަމުން ގެންދިޔަ އެ ވެރިކަމުގައި ކަޅު މީހުންނަށް އިންސާނިއްޔަތުކަމުގެ ހައްގު ވެސް ލިބިފައެއް ނޯވެ އެވެ. ދޮން މީހުންގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ދުއްވާ ބަހަށް ދާންދެން ތަފާތެވެ. އެ މީހުނަށް ލިބިފައިވާ އެއްވެސް ޚިދުމަތެއް ކަޅުމީހުންނަކަށް ލިބިގެނެއް ނުވެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ދޮން މީހުން ހިންގި ނަސްލީ އިމްތިޔާޒު އޭރު ނިމުމަކަށް އައިސްފައިވީ ނަމަވެސް ސައުތު އެފްރިކާގައި އޭރު ވެސް އެކަން ކުރިޔަށް ދިޔައީ އާދަޔާޚިލާފު އަނިޔާވެރިކަމާ އެކު އެވެ. އާއިލާގައި އެންމެ ފުރަތަމަ ރަސްމީ ތައުލީމު ލިބިވަޑައިގެންނެވި ބޭފުޅާގެ ހައިސިއްޔަތުން ލޯޔަރެއްގެ ގޮތުގައި ގްރެޖުއޭޓް ވެވަޑައިގެންނެވުމަށްފަހު މަންޑޭލާ ގުޅިވަޑައިގެންނެވީ ކަޅު މީހުންގެ ހައްގު ހޯދުމަށް މަސައްކަތް ކުރަމުން ގެންދިޔަ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) އާ އެވެ.

އެ ޕާޓީން ނަސްލީ އިމްތިޔާޒާ ދެކޮޅަށް ހިންގި ހަރަކާތްތަކުގެ ލީޑަރަކަށް 1944 ވަނަ އަހަރު މަންޑޭލާ ވެވަޑައިގެންނެވި އެވެ. އޭނާގެ ލީޑަޝިޕްގެ ދަށުން ސަރުކާރާ އިދިކޮޅަށް ހިންގި ހަރަކާތްތަކުގެ ސަބަބުން 1964 ވަނަ އަހަރު އުމުރަށް ޖަލަށް ލެވުނެވެ. ޖަލުގައި މަންޑޭލާ ހުންނެވި ދުވަސްވަރު ސައުތު އެފްރިކާގެ ކަޅު މީހުނާއި ބައިނަލްއަގުވާމީ ދުނިޔެއިން ނަސްލީ އިމްތިޔާޒާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައި ސިމްބަލަކަށް މަންޑޭލާވެގެން ދިޔަ އެވެ. ޖަލަށް ލެވުނުތާ 27 އަހަރު ފަހުން ދުނިޔޭގެ ޕްރެޝަރާ ހެދި ސައުތު އެފްރިކާގެ ދޮން ސަރުކާރުން މަންޑޭލާ ޖަލުން ދޫކޮށްލީ 1990 ވަނަ އަހަރު އެވެ.

ސައުތު އެފްރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސްގެ ހައިސިއްޔަތުން 1994 ވަނަ އަހަރު މަންޑޭލާއަށް ގައުމުގެ ވެރިކަން ލިބިވަޑައިގެންނެވި އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ބާރު އެޅުއްވީ ނަސްލީ އިމްތިޔާޒުގެ ދުވަސްވަރު ދޮންމީހުންނާއި ކަޅު މީހުންގެ މެދުގައި އުފެދިފައި ހުރި މައްސަލަތައް ހައްލުކުރައްވައި ގައުމު އެއްބައިކުރެއްވުމަށެވެ. ވެރިކަމުގެ އެއް ދައުރު ފުރިހަމަކުރެއްވުމަށް ފަހު ސިޔާސީ ހަރަކާތްތަކުން ދުރުވެވަޑައިގެން އިޖުތިމާއީ ޚިދުމަތުގައި ހަޔާތުގެ ބާކީބައި ހޭދަ ކުރެއްވި އެވެ. ސައުތު އެފްރިކާއާއި މުޅި ދުނިޔޭގެ ކުރިމަތީގައި ވެސް މަންޑޭލާއަކީ ލާމަސީލު މިސާލެކެވެ. އުމުރުފުޅުން 95 އަހަރުފުޅުގައި އެމަނިކުފާނު ދުނިޔެ ދޫކުރެއްވީ މުޅި ދުނިޔޭގެ ފުރިހަމަ ލޯތްބާއި އިހުތިރާމު ލިބިވަޑައިގެން ހުންނެވި ޝަޚުސިއްޔަތެއްގެ ގޮތުގަ އެވެ.

ރާއްޖޭގެ ނެލްސަން މަންޑޭލާގެ ނަމުން އޭނާގެ ސަޕޯޓަރުން މުޚާތަބުކުރި ކުރީގެ ރައީސް ނަޝީދަށް މިހާރު މުގާބޭގެ ނަމުން ގޮވަން ފަށައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖަލްސާތައް ކުރިޔަށް ގެންދަވާ ގޮތުންނާއި އެމަނިކުފާނުގެ ޕާޓީގެ ލީޑާޝިޕް ދޫކޮށްނުލެއްވުމާއި ދެވަނަ މީހަކަށް ރިޔާސީ ކެންޑިޑޭޓްކަން ލިބިވަޑައިގަންނަވަން ބޭނުންފުޅުވެވަޑައިނުގެންނެވުމުގެ ސަބަބުން ކުރިން އެމަނިކުފާނަށް މަންޑޭލާގެ ލަގަބު އެރުވި ފަރާތްތަކުން މުގާބޭގެ ނަމުން މުޚާތަބުކުރާ ތަން ފެންނަން ފަށައިފި އެވެ.

1927 ވަނަ އަހަރު ދެކުނު ރޮޑޭސިޔާގެ ފަގީރު އާއިލާއަކަށް އުފަންވެ ވަޑައިގެންނެވި ރޮބަޓް މުގާބޭއަކީ ބައިމަދު ދޮން މީހުންގެ ވެރިކަން އެފްރިކާގެ ބައްރުން ފޮހެލުމަށް މަސައްކަތް ކުރެއްވި ހިތްވަރުގަދަ ބަތަކެކެވެ. އެންމެ ފުރަތަމަ ކެތަލިކް ސްކޫލެއްގެ ޓީޗަރަކަށް މަސައްކަތް ކުރެއްވި މުގާބޭ ގާނޫނީ ވަކީލުކަން ކިޔަވާ ވިދާޅުވީ ޖަލުގައި ހުންނަވައިގެން ދުރުންދޭ ތައުލީމުގެ ޒަރީއާއިންނެވެ.

ޖަލުން ނިކުމެ ވަޑައިގެން ޒިމްބާބުވޭ އެފްރިކަން ޔުނިއަންގެ ލީޑަރުގެ ހައިސިއްޔަތުން ދޮން މީހުންނާ ދެކޮޅަށް ނިކުމެވަޑައިގެން ރޮޑޭސިޔާ ކަޅު މީހުންގެ ބާރުގެ ދަށަށް ގެންނެވި އެވެ. އޭގެ ފަހުގައި އެ ސަރަހައްދުގެ ނަން ޒިމްބާބުވޭއަށް ބަދަލުކުރައްވައި ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެވެ.

ގައުމުގެ ރައްޔިތުންނާއި އެފްރިކާ އާއި ބައިނަލްއަގުވާމީ ދުނިޔޭގެ ލޯބި ލިބިވަޑައިގެން ހުންނެވި މުގާބޭ ގައުމުގެ ވެރިކަމާ 1980 ވަނަ އަހަރު ހަވާލުވެ ވަޑައިގެންނެވި ގޮތަށް 2017 ވަނަ އަހަރާ ހަމަޔަށް ބާރުތައް ދޫކޮށް ނުލައްވައި ދެމެހެއްޓެވި އެވެ. މި ދިގު މުއަދަތުގައި ގައުމުގެ އިގުތިސާދީ ހާލަތު ވަރަށް ދަށަށް ގޮސް ރައްޔިތުންގެ މާޔޫސްކަން އިންތިހާއަށް ދިޔަ ކަމަށް ވިޔަސް ގައުމީ ބަތަލެއްގެ ހައިސިއްޔަތުން މުގާބޭއަށް އޮތް ލޯބި ގައުމުގައި އޮތެވެ. އުމުރު ފުޅުން މުސްކުޅިވެ ވެރިކަމުގެ ކަންތައް ނުބެލެހެއްޓެވޭ ވަރުވީއިރު ވެސް ވެރިކަން ދޫކޮށް ނުލެއްވުމުން ގައުމުގެ ސިފައިން އެމަނިކުފާނަށް ޕްރެޝާކޮށް ވެރިކަމުން ދުރުކުރިއިރު ވެސް ޝަރަފުވެރިކަމާއެކު އިސްތިޣުފާ ދެއްވައި އިއްޒަތުގައި ހުންނެވުމުގެ ފުރުސަތު އެރުވި އެވެ. ސަބަބަކީ މުގާބޭގެ ގައުމީ ޚިދުމަތުގެ އަގު އެމީހުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވުމެވެ.

އެއް އިރެއްގައި މަންޑޭލާއަށް ގޮވި ރައީސް ނަޝީދަށް މިއަދު މުގާބޭއަށް ބަޔަކު ގޮވި ކަމަށް ވިޔަސް ހަގީގަތުގައި އެ ދެބޭފުޅުންނާއި ރައީސް ނަޝީދާ އުޑާ ބިމާހާ ތަފާތެވެ. އެދެބޭފުޅުންގެ ހަޔާތްޕުޅާ އުޅުއްވުމާއި އަޚުލާގާ އަޅައި ކިރާލެވޭ ފެންވަރެއް ރައީސް ނަޝީދުގެ ކިބަޔަކު ނެތެވެ. އެހެންކަމުނަ ބަޔަކު ކޮންމެ ނަމަކުން ގޮވިއަސް އެއީ މަންޑޭލާއެއް މުގާބޭއެއް ނޫނެވެ. އެއީ ރައީސް ނަޝީދެވެ.