އަންނަ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތް ހަމަޖައްސައިފި އެވެ.

މިއީ، ރިޔާސީ އިންތިހާބެއްގައި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭ ފުރަތަމަ ފަހަރެވެ. އިލެކްޝަންސް ކޮމިޝަނުން މިފަދައިން ހަމަޖެއްސީ ރިޔާސީ އިންތިހާބުގެ ގަވައިދުގައި އެފަދައިން ހިމަނައިގެންނެވެ.

ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އެ ގަވާއިދުގައި ކުރިން އަމަލުކުރި ގަވާއިދުގެ އިތުރަށް އާ ކަމެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރީ-ރަޖިސްޓްރޭޝަން ފޯމުގެ އިތުރުން، އޮންލައިންކޮށް ވެސް އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމާއި ފަސޭހައިން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމްކުރުމެވެ.

އެ ގަވާއިދުގައިވާގޮތުން ރީ-ރަޖިސްޓްރޭޝަނަށް ހާއްސަކޮށްފައިވާ ފޯމު، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މުއްދަތެއްގައި، ކަނޑައަޅާ ތަނަކަށް ހުށަހެޅުމަށް އޭގެ އިތުރުން، "ކޮމިޝަނުން ކަނޑައަޅާ ނިޒާމު"ގެ ތެރެއިން ވެސް ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅޭނެ ކަމަށެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމްތައް ބަލައި ނުގަންނާނެ ކަމަށެވެ. ސަބަބަކީ އެފަދައިން ފޮނުވާ ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރަން އުދަނގޫވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ،

މީގެކުރިން އަމަލުކުރަމުން އައި ގަވާއިދުގައިވާގޮތުން ރީ ރަޖިސްޓްރީ ކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ ފޯމު ހުށަހެޅުމުން އެކަންޏެވެ. މި ބަދަލާއެކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ވެސް ރީ ރަޖިސްޓްރީ ކުރަން ފަސޭހަވާނެ އެވެ.

މިދިޔަ މެއި މަހު އިލެކްޝަސް ކޮމިޝަނުން އާންމުކުރި ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައިވާގޮތުން އިންތިހާބު ބާއްވާ ދުވަހާ ހަމައަށް 18 އަހަރު ފުރޭ 282،755 މީހުން އެބަތިއްބެވެ.

އެ ލިސްޓަށް ޝަކުވާ ހުށަޅަން ދިން މުއްދަތު މިދިޔަ މަހުގެ 31އަށް ވަނީ ހަމަވެފަ އެވެ. ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު މާދަމާ އާންމުކުރުމަށް ވަނީ ނިންމާފަ އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައީސް މުހައްމަދު ނަޝީދާއި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވާދަކުރައްވާނެ އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ނަމަވެސް ޖަލު ހުކުމެއްގައި ހުންނެވުމުން އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.