ބޮލީވުޑްގައި އެއް ދުވަހެއްގައި އެއް ފިލްމަށް ވުރެން ގިނަ ފިލްމު ރިލީޒް ކުރުމަކީ ވާދަވެރިކަން އިތުރުވެގެންދާ ކަމެކެވެ. މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.
މިއަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހަކީވެސް ބޮލީވުޑްގެ މަޝްހޫރު ތިން އެކްޓަރުން ފިލްމު ރިލީޒް ކުރުމަށް އިއުލާނުކޮށްފައިވާ ތާރީހެވެ. އެގޮތުން އެދުވަހު ރިލީޒް ކުރުމަށް ނިންމާފައިވަނީ ރަންބީރު ކަޕޫރު ފެނިގެންދާ ފިލްމު "އެނިމަލް" އާއި ސަނީ ޑިއޯލު ލީޑް ރޯލުން ފެނިގެންދާ "ގަދަރު 2" އަދި އަކްޝޭ ކުމާރު ފެނިގެންދާ "އޯއެމްޖީ 2" އެވެ. މިތިން ފިލްމަކީވެސް ތަފާތު ތިން ޖޯންރާއެއްގެ ފިލްމެކެވެ.
އޮގަސްޓް އެގާރަ ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށް އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ 2001 ވަނަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ސަނީގެ "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލްކެވެ. މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ހިންދީ ފިލްމަކީ ވެސް މި އެވެ.
އޮގަސްޓް އެގާރާގައި ދެން ރިލީޒް ކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމަކީ ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ ޑާކް ތުރިލާ ފިލްމު "އެނިމަލް" އެވެ. މިފިލްމުގެ ލީޑް ރޯލުން ރަންބީރު ކަޕޫރު ފެނިގެންދާއިރު ބެލުންތެރިން އެންމެ އުންމީދު ކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. ރަންބީރުގެ އިތުރުން ދެން މިފިލްމުގައި ފެނިގެންދާނީ ރަޝްމިކާ މަންދާނާ، އަނިލް ކަޕޫރު އަދި ބޮބީ ޑިއޯލް އެވެ.
އަކްޝޭ ވެސް ވަނީ އޭނާގެ ފިލްމް އެއް މި ތާރިހުގައި އަޅުވާނެ ކަން މީގެ ދެދުވަހެއް ކުރިން އިއުލާން ކޮށްފައިއެވެ. އެފިލްއަކީ މީގެ ކުރިން އަކްޝޭ ކުޅެފައިވާ ފިލްމްއެއްގެ ސީކުއަލްއެވެ. 2012 ވަނަ އަހަރު ގެނެސްދިން "އޯ މައި ގޯޑް" އަކީ ކާމިޔާބު ފިލްމްއެކެވެ.
މަޝްހޫރު ތަރިންތަކެއްގެ ފިލްމުތަކެއް އެއް ދުވަހެއްގައި ރިލީޒްކުރާތީ ގިނަ ބަޔަކު މިހާރު ތިބީ ބޮކްސް އޮފީހުގައި ކުރި ހޯދާނެ ފިކްމެއް ބަލަން ވެސް ކެތްމަދުވެފަ އެވެ. އެހެންވެ ކޮންމެ ފިލްމަކަށް ވެސް އެއަށް ހައްގު މިންވަރު ލިބޭނެ ކަމަށް ބަލަމާ ހިނގާށެވެ.