ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދައާ ބެހޭ ގޮތުން ކުރި ސުވާލަކަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން ދިން ޖަވާބާއި އެކު އޭނާގެ ސަޕޯޓަރުން ކަންބޮޑުވެއްޖެ އެވެ.

ޝާހްރުކް ޚާން ވަނީ އޭނާގެ ފޭނުންނާ ޓްވިޓާގައި ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މިފުރުސަތުގައި ޝާހްރުކްގެ އަމިއްލަ ދިރިއުޅުމާ ބެހޭ ގޮތުންނާއި ކުރިއަށް އޮތް ފިލްމާ ބެހޭ ގޮތުން ވަނީ ސުވާލުކޮށްފަ އެވެ. އަދި އެސުވާލުތަކަށް ވަރަށް ތަފާތު ޖަވާބުތަކެއް ޝާހްރުކް ވަނީ ދީފަ އެވެ.

ޓްވިޓާގައި "އާސްކް އެސްއާރްކޭ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަންގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައިފިންތޯ ފޭނަކު ކުރި ސުވާލެއްގެ ޖަވާބުގައި ޝާހްރުކް ބުނީ އެކަމާ ބެހޭ ގޮތުން ކުރިން ހެނދުނީ ދޮގެއް ކަމަށެވެ. އަދި އޭނަ ހުރީ ދުންގަނޑެއް ވަށާލައިގެން ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން ޝާހްރުކް ވަނީ ސިނގިރޭޓް ބުއިން ހުއްޓާލާފައިވާކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ޓްވިޓާގައި ދިން ޖަވާބާއި ގުޅިގެން ޝާހްރުކްގެ ފޭނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސިނގިރޭޓް ބުއިން ހުއްޓާލުމަށް ވަނީ އެދިފަ އެވެ.

މީގެ އިތުރުން ޝާހްރުކް ޚާން ވަނީ އިތުރު ޝައުގުވެރި ސުވާލުތަކަކަށް ޖަވާބު ދެއްވާފަ އެވެ. އަދި އޭނާގެ ދަރިންގެ ކިބައިގައި ހުންނަން ޖެހޭ އެ އެއް ކަމަކާ މެދު ވެސް އޭނާއާ ސުވާލު ކޮށްފަ އެވެ. އެސުވާލާއި ގުޅިގެން ޝާހްރުކް ބުނީ އެހެން މީހުންނާއި މުއާމަލާތު ކުރުމުގައި ކެތްތެރިކަން ހުންނަށް ޖެހޭ ކަމަށެވެ. އަދި ބޭކާރު ކަންކަމާއި ދުރުހެލިވާ ޖެހޭ ކަމަށްވެސް ޝާހްރުކް ބުންޏެވެ.

އެންމެ އަވަހަށް ޝާހްރުކް ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަޓްލީ ކުމާރް ޑައިރެކްޓުކޮށްފައިވާ "ޖަވާން" އިންނެވެ. މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އެވެ.