މި އަހަރުން ފެށިގެން ކޮންމެ އަހަރަކު "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ގައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެމަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ރައީސް ސޯލިހުގެ ލަފާފުޅު އެރުވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހު އެވެ.

ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 15 ވަނަ ދުވަސް "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ގެ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރަނީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްޤީކުރުމާއި އައު ހުނަރުތައް ދަސްކުރުމަށް ބާރުއަޅައި، ހުނަރުވެރި ޤާބިލު ޒުވާނުން ވަޒީފާއަށް ނުކުންނަ ނިސްބަތް އިތުރުކުރުމުގެ ގޮތުން އދ.ގެ އާންމު މަޖިލީހުން 2014 ޑިސެންބަރު 18 ގައި ފާސްކޮށްފައިވާ ގަރާރާ ގުޅިގެންނެވެ. މި ޤަރާރު ފާސްކޮށްފައިވަނީ ދުނިޔޭގެ ވަޒީފާގެ ބާޒާރުގައި ހުނަރުވެރި ޒުވާނުން ނިސްބަތުން މަދުވެ، ވަކިން ހާއްސަކޮށް ތަރައްޤީވަމުން އަންނަ ގައުމުތަކުގައި ވަޒީފާ އަދާނުކުރުން އިންތިހާއަށް އިތުރުވުމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރެއްގައި މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުންނެވެ.

ޒުވާނުންގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް، އަދި އައު ހުނަރުތައް ދަސްކުރުމަށް ހިތްވަރުދީ އެ ކަންކަން ފާހަގަކުރުމުގެ ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ މައިދާނުގައާއި ވަޒީފާގެ މައިދާނުގައި ޒުވާނުނަށް ގޮތް ނިންމުމުގެ ފުރުސަތުލިބި މިހާރު އޮތް ވަޒީފާގެ ބާޒާރު ބަދަލުކުރުމުގެ ބާރުވެރިކަން ޒުވާނުންނަށް ލިބިގެންދާނެކަން މި ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ގައުމީ ފެންވަރެއްގައި "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ރާއްޖޭގައި ފާހަގަކުރަން ފެށުމުން ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމެއްގައި އަދި ވަކިން ހާއްސަކޮށް ތަފާތު ދާއިރާތަކަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ލިބުން ދަތި ގައުމެއްގައި މިފަދަ ކަންކަމަށް ޒުވާނުން ޝައުގުވެރިކުރުވައި މަސައްކަތުގެ މާހައުލަށް ބޭނުންވާ ޒުވާނުން ނެރުމަށް ބާރު އެޅިގެންދިއުން ފަދަ ފައިދާތަކެއް ލިބިގެންދާނެ އެވެ.