މާލެ އަދި ވިލިމާލޭގައި ޤާއިމްކުރަމުންދާ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ބޭނުންވާ އިކުއިޕްމަންޓްތައް މިއަދު ރާއްޖެ ގެނެސްފި އެވެ.
މިއީ މިސްޓޭޝަން ތަކުގެ ހިދުމަތް ދިނުމަށް ނިންމާފައި ވަނީ މިއަހަރުގެ ފަހު ކުއާޓަރުގަ އެވެ. މިތަކެތި ވަނީ މިމަހުގެ 10 ވަނަ ދުވަހު ތިލަފުއްޓަށް ގެންދެވިފައެވެ.
މިމަޝްރޫއުގެ ޖުމްލަ އަގަކީ 184 މިލިއަން ދިވެހި ރުފިޔާ އެވެ. ރާއްޖެ ގެނައި އިކުއިޕްމަންޓް ތަކުގެ ޖުމްލަ އަގަކީ 47.8 މިލިއަން ރުފިޔާ އެވެ.
މިމަޝްރޫއު ކުރިއަށް ގެންދަނީ ޑިޒައިން ބިލްޑް އަދި އިންސްޓޮލޭޝަންގެ އުސޫލުން ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އެންޑް އިނޖިނިއަރިން (ސީ.އެސް.ސީ.އީ.ސީ) އާއި ހަވާލުކޮށްގެނެވެ. އަދި 14 މަސްދުވަހުގެ ތެރޭގައި މަޝްރޫއު ނިންމާގޮތަށެވެ.
މިއީ އަދި ވިލިމާލޭގައި ކުނި މެނޭޖްކުރުމަށާއި، ކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތައް ހައްލުކުރުމަށް ބޭރުގެ ފަންނީ މާހިރުންގެ ލަފާއާއި އެކު ތައްޔާރުކޮށްފައިވާ 'ގްރޭޓަރ މާލޭ ވެސްޓް ކަލެކްޝަން ސްޓްރެޓަޖީ' ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ، އެކަމަށް ހާއްސަ މެޝިނަރީ އަދި އިކުއިޕްމަންޓް ތަކެކެވެ.
މި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް ފަރުމާކުރެވިފައި ވަނީ ކޮމްޕެކްޓް ނުވަތަ ފިއްތާލެވިފައިވާ، ކުނި ތިލަފުއްޓަށް ކޮންޓޭނަރުގައި އުފުލާ ގޮތަށެވެ. މިގޮތުން މާލެ އަދި ވިލިމާލޭގައި ޤާއިމްކުރަމުންދާ ޓްރާންސްފަރ ސްޓޭޝަންގައި ބޭނުންކުރުމަށްޓަކައި މުޅިން އައު ކޮންޓޭނަރު ތަކާއި، އެކޮންޓޭނަރު އުފުލުމަށް ބޭނުންވާ 'އާރމް ރޯލް ޓްރަކް' ވެހިކަލްތަކާއި އާއި ކޮންޓޭނަރުގައި ހުންނަ ކުނީގެ ވޮލިއުމް ދަށްކުރުމަށް ޙާއްސަ 'ރޯލް ޕެކަރ' ތައް ވެސް ވަނީ ގެނެސްފަ އެވެ.
މީގެ ސަބަބުން ބަރު އަދި ބޮޑެތި ކުނި (ސީއެންޑީ) ފިޔަވައި އެހެނިހެން ކުނި އުކާލުމަށް، ކުނި އުފުލާ ބާޖަށް ވެހިކަލް އެރުން ހުއްޓުމަކަށް ގެނެވޭނެއެވެ. މީގެ ބަދަލުގައި، ކުނި އުފުލާ ވެހިކަލްގައި ހުރި ކުނި ކިރުމަށް ހާއްސަ 'ވެއި ބްރިޖަކުން' ކިރާލުމަށްފަހު ފަހު، ޓްރާންސްފަރ ސްޓޭޝަންގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ވޭސްޓް ޓިޕިންގ ޕްލެޓްފޯމް މެދެވެރިކޮށް ތިރީގައި ހުންނަ ކޮންޓޭނަރަށް ކުނި އުކާލެވޭނެއެވެ. އަދި ހުރިހާ ވެހިކަލަކުން ވެސް ޓިޕިން ޕްލެޓްފޯމުން ކުނި އުކާލާނީ ސްޓޭންޑަޑް ކޮންޓެއިނަރުތަކަށެވެ. އަދި ވަކިކުރެވިފައިވާ (ސެގްރިގޭޓް) ކުނި އުކާލުމަށް ބޭނުންކުރާނެ މިގޮކޮންޓޭނަރުގެ ސްޓޮކްވެސް ވަނީ މިހާރު ހަމަކުރެވިފައެވެ.
ކުނި މެނޭޖްކުރުމުގެ އެކި މަސައްކަތަށް ޙާއްސަކޮށްގެން ރާއްޖެ އެތެރެކޮށްފައިވާ މި އިކުއިޕްމަންޓާއި ވެހިކަލް ތަކަކީ އޭޑީބީ އާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ޒޯން 3 ގެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ހިންގަމުންދާ މަޝްރޫއެކެވެ.