އޭނާއަކީ 1973 ވަނަ އަހަރު ރާއްޖެއިން ޗައިނާއަށް ދިޔަ ގައުމީ ޓޭބަލް ޓެނިސް ޓީމުގެ އެންމެ މޮޅު ކުރުންތެރިއެއްގެ ގޮތުގައި ހިމެނުނު އެކަކެވެ. އަދި މިއަދު އެއީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސޯސިއޭޓް ލެކްޗަރާ އެކެވެ. ރާއްޖޭގެ ކުޅިވަރުގެ ދަނޑުގައި މަޝްހޫރު ނަމެއްގެ ގޮތުގައި ވިދާލުމަށް ފަހު ދީނީ ތައުލީމު ހާސިލު ކުރެއްވުމަށްޓަކައި އޭނާ ކުރެއްވި ދަތުރަކީ ދިގު އުނދަގޫ ދަތުރެކެވެ.

ސ. ހިތަދުއަށް އުފަން ޝެއިޚް ހަސަން ލަތީފު ކިޔަވައި ވިދާޅުވުމަށްޓަކައި މާލެ ވަޑައިގެން ތައުލީމު ހާސިލް ކުރައްވަން ފެއްޓެވީ އޭރު މާލޭގައި ހިންގި އަމިއްލަ މަދަރުސާ، އާލިޔާ ސްކޫލުންނެވެ.

ހަސަން ލަތީފު ވިދާޅުވި ގޮތުގައި ކުޅިވަރުގެ ދަނޑަށް ނިކުމެވަޑައިގެންނެވުނީ އާލިޔާގައި އުޅުއްވި ދުވަސްވަރު މަރުހޫމު ޒާހިރު ނަސީރު ހިންގެވި ޓޭބަލް ޓެނިސް ދަސްކޮށްދޭ ކްލާހެއްގައި ބައިވެރިވެ ވަޑައިގެންނެވުނު ހިސާބުންނެވެ. އެ ކްލާހުގެ ބައެއް މެންބަރުންނާ އެކު މާފަންނުގޭގައި ޓީޓީ ކުޅެ ފަރިތަކުރަމުން ދަނިކޮށް އާލިޔާގެ މުދައްރިސެއް ކަމަށް އަހުމަދު އަސްލަމްގެ އެދިވަޑައިގެންނެވުމަކަށް އޭރުގެ މާލޭގެ މަޝްހޫރު ކްލަބެއް ކަމަށްވާ މާލޭ ޓެނިސް ކުލަބަށް ވެންނެވުމާއެކު ހަސަން ލަތީފުގެ ކުޅިވަރުގެ ހަރަކާތްތައް ގައުމީ ފެންވަރެއްގައި ފެށިގަތީ އެވެ.

މާފަންނުގޭގައި އެކުގައި ކުޅެން އުޅުނު ޓީމު މާލޭ ޓެނިސް ކުލަބަށް ވަދެ، ކުޅެން ފަށައި 1972 ވަނަ އަހަރުގެ ޓޭބަލް ޓެނިސްގެ ގައުމީ ޗެމްޕިއަން ކަން އެ ކްލަބަށް ހޯދައިދިނެވެ.

ރާއްޖޭގެ ބައިނަލް އަގުވާމީ ފުރަތަމަ ދިވެހި ޓީމު: އޭރުގެ ނޫސްތަކުގެ ފަލަ ސުރުޚީ

މާލޭ ޓެނިސް ކުލަބަށް ގައުމީ ތަށި ހޯދައިދިނުމާއެކު ވިދާލި ހަސަން ލަތީފަށް ޖެހިގެން އައި އަހަރު ޗައިނާގައި އޮތް އޭޝިޔާ، އެފްރިކާ، ލެޓިން އެމެރިކާގެ ގައުމުތަކުގެ ރަހުމަތްތެރިކަމުގެ ޓީޓީ މުބާރާތަށް ވަޑައިގަންނަވަން ފުރުސަތު ލިބިވަޑައިގެންނެވި އެވެ. އެއީ ރާއްޖެއިން ބައިނަލްއަގުވާމީ މުބާރާތަކަށް ދިޔަ ފުރަތަމަ ކުޅިވަރު ޓީމެވެ.

ޗައިނާގައި ރާއްޖޭގެ ޒުވާން ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކަށްވީ ކުވެއިތު ބަލިކުރުމެވެ. ރާއްޖެއިން އެފަދަ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރުކަމުން އެއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށްވި އެވެ.

އޭގެ ފަހުން 1975 ވަނަ އަހަރު ޗައިނާގެ ކޯޗެއް ރާއްޖެ އައިސް 3 މަސް ދުވަހުގެ ކޯޗިން ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެންނެ ވިއެވެ. ހަސަން ލަތީފު ދެކެވަޑައިގަންނަވާ ގޮތުގައި ޗައިނާގެ ކޯޗު އެ ހިންގި ކޯޗިން ޕްރޮގްރާމަކީ މިޒަމާނުގެ ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުމުގެ ފެށުމެވެ.

ޗައިނާގެ ކޯޗްގެ އިރުޝާދާއެކު މޮޅަށް ތަމްރީނުވެގެން އެއްނަމްބަރު ކުޅުންތެރިޔާގެ ގޮތުގައި ހަސަން ލަތީފު ދެން ވަޑައިގެންނެވީ ނައިޖީރިއާގައި އޮތް މުބާރާތަކަށެވެ. އެކަމަކު އެ މުބާރާތަށް ދިއުމުގައި ނިންމަން ޖެހޭ އޮފިޝަލް ކަންތައް ލަސްވުމާއެކު ނައިޖީރިޔާއަށް ދެވުނުއިރު މުބާރާތުގެ ވަރަށް ބޮޑު ބައެއް އޮތީ ނިމިފަ އެވެ

1973 ވަނަ އަހަރު ރާއްޖެއިން ޗައިނާ އަށް ދިޔަ ޓީޓީ ޓީމު

އެ ހިސާބުން ހަސަންގެ ވިސްނުން ހުއްޓުނީ އިތުރަށް ކިޔެވޭނެ ގޮތެއް ހޯދުމަށެވެ. ޚާއްސަކޮށް ކުޑައިރުއްސުރެ ބިންގާ އެޅިފައި އޮތް ދީނީ އިލްމުގެ މަގުން އިތުރަށް ކުރިއަށް ވަޑައިގެންނެވުމުގެ ވިސްނުންފުޅުގައި އެކަމަށް މަސައްކަތް ކުރެވުނެވެ. އެ ދުވަސްވަރަކީ މަތީ ތައުލީމުގެ މާ ގިނަ ފުރުސަތުތަކެއް ހުޅުވިފައި އޮތް ދުވަސްވަރެއް ކަމަށް ނުވުމާއެކު އެކަމަށް މަގުފަހިކުރުމުގެ ނިޔަތުގައި ޒުވާން ކުޅުންތެރިޔާ ހަސަން ލަތީފާއި އޭރު އެކުގައި އުޅުނު ބައެއް ރަހުމަތްތެރިން ނިންމީ ބޯޓު ދަރުކުރަން ދިއުމަށެވެ.

ސީމަނެއްގެ ގޮތުގައި ކަނޑަށް ނުކުންނެވެމުގައި ހަސަންގެ އެންމެ ބޮޑު ބޭނުންފުޅަކަށް އޮތީ މަތީތައުލީމު ހޯއްދެވުމަށް މަގުފަހި ކުރެއްވުމަށްޓަކައި ފައިސާ ހޯއްދެވުމެވެ.

ހަސަން ލަތީފު މެންގެ ޓީމުން ނިންމާއިފައި އޮތީ މަދީނާއިން ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކުރުމަށެވެ. އެކަމަށް އަޒުމު ކަނޑައަޅައިގެން ދަތުކުރަން އުޅުއްވި ބޯޓު ޖިއްދާގައި ޖެއްސުމާއެކު ހަސަން ލަތީފާއި ރައްޓެހި ކުދިން މަސައްކަތް ކުރީ މަދީނާގައި ތިބި ދިވެހި ދަރިވަރުންނާ ބައަދަލު ކުރުމަށެވެ.

އޭރު އޮތީ ސިޓީގެ ޒަރީއާއިން އެމީހުންނާ މުއާމަލާތު ކުރެވި ކަންތައް ހަމަޖެހިފަ އެވެ. އެހެންކަމުން ޖިއްދާއަށް ގޮސް ދިވެހި ދަރިވަރުންނަށް އެންގުމުން އެ ކުދިން ޖިއްދާއަށް އަންނަންދެން މަޑުކޮށްގެން ތިއްބާ ބޯޓު ފުރައިފި އެވެ.

މަދީނާގައި ތިބި ކުދިންނަށް ޖިއްދާއަށް އާދެވުމުން ކަންތައް ބަލާލިއިރު ސައޫދީން ވިސާ ލިބޭނެ ގޮތެއް ނެތެވެ. އެކަމަށްޓަކައި ގައުމުން ބޭރު ވާން ޖެހެ އެވެ. ރައްޓެހި ކުދިންނާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ނިންމީ އިންޑިއާއަށް ދާށެވެ. އިންޑިއާއަށް ގޮސް ބެލިބެލުމުން ބޮމްބޭއިން ދިއްލީއަށް ގޮސް ވިސާ ހޯދުމުގެ ކަންތަކާ އުޅުމަށް ވުރެ ޕާކިސްތާނުން ވިސާ ހޯދަން ފަސޭހަވާނެ ކަމަށް ފެނިގެން ޕާކިސްތާނަށް ދިޔައީ އެވެ.

https://www.facebook.com/sheikhassanlatheef/videos/658553181947157

ޕާކިސްތާނުގައި ވިސާގެ ކަންތައް ދިޔައީ މާ ރަނގަޅަކަށް ނޫނެވެ. ވިސާ ހޯދަން ޕާސްޕޯޓާއި ފައިސާއާއެކު ހަވާލުކުރި މީހެއްގެ އަތުން އެ ހުރިހާ އެއްޗެއް ގެއްލި ޕާކިސްތާނުގައި ތާށިވީ އެވެ. އެ ހިސާބުން ޕާކިސްތާނުގެ ކުޑަ މަދަރުސާއަކަށް ވަދެވަޑައިގެން ކިޔަވާ ވިދާޅުވާން ފެއްޓެވީ އެވެ. މާ ގިނަ ދުވަހެއް ނުވެ، ޖާމިއާއާށް ވަނުމަށް ފުރުސަތު ލިބި ޖާމިއާތުލް ސަލަފިއްޔާގައި ދެއަހަރު ކިޔަވާ ވިދާޅުވުމަށްފަހު މަދީނާއަށް ވަޑައިގެންނެވުމަށް ފުރުސަތު ލިބިވަޑައިގެންނެވި އެވެ.

މަދީނާގައި ފުރަތަމަ އަރަބި ބަސް ދަސް ކުރައްވަން ދެ އަހަރު ހޭދަ ކުރެއްވުމަށް ފަހު ސާނަވީ ތައުލީމުން ފެށިގެން ޑިގްރީ ނިންމެވި އެވެ. އެހުރިހާ ކަމަކަށް 8 އަހަރު ވަރު ހޭދަވި އެވެ. މަދީނާގެ ތައުލީމީ ހަޔާތުގައި ވެސް ހަސަން ލަތީފު އުޅުއްވީ ޔުނިވާސިޓީގެ ޓޭބަލް ޓެނިސް ޓީމުގަ އެވެ. އޭގެ ސަބަބުން ސައޫދީގެ ތަފާތު ސިޓީތަކަށް ޒިޔާރަތްކޮށް މުބާރާތްތައް ކުޅުއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި އެވެ.

މަދީނާ ޔުނިވާސިޓީން ގްރެޖުއޭޓްވެ ވަޑައިގެންނެވުމަށް ފަހު އައްޑޫގައި އޭރު ހިންގި މަދަރުސަތުލް އިސްލާމިއްޔާ ހިންގެވުމާ ހަވާލުވެޑައިގެން ވަރަށް ބޮޑެތި ކާމިޔާބުތަކެއް ހަސަން ލަތީފު އެ ސްކޫލަށް ހޯއްދަވައި ދެއްވި އެވެ. އޭގެ ފަހުން ހަސަން ލަތީފު ވަނީ 2002 ން 2003އަށް ސްރީ ލަންކާގައި އޮތް ސްކޫލް މެނޭޖްމެންޓް ކޯހެއް ވެސް ފުރިހަމަކުރައްވައި ބައެއް ސްކޫލްތައް ހިންގެވުމުގައި އުޅުއްވައިފަ އެވެ.

ޒުވާން ދުވަސްވަރު ރާއްޖޭގެ ކުޅިވަރުގެ ދަނޑުން އެންމެ ގަދައަށް ފިޔަ ޖަހާލުމަށްފަހު ހިތްޕުޅުގައި ދީނީ އިލްމު ހޯއްދެވުމަށް އޮތް ލޯތްބެއްގެ ސަބަބުން އެކަމަށް ފެށްޓެވި މަސަކަތްޕުޅު ހަސަން ލަތީފު ވަނީ ކާމިޔާބު ކުރައްވާފަ އެވެ. އެކަމަށްޓަކައި ޝޭޚް ހަސަން ލަތީފު ކުރެއްވީ ދިގު އުނދަގޫ ދަތުރުފުޅެކެވެ.