އީއައިއޭ ނުހަދާ ސޮނޭވާފުށި ރިސޯޓުގެ ފަޅުތެރޭގައި ތޮށި ބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށި، ބަނީ ހޯލްޑިންގްސް (ބީވީއައި) ލިމިޓެޑް ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ބީވީއައި ކުންފުނިން ސޮނެވާފުށި ފަޅުތެރޭފައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށި މައްސަލަ ބަލައި އެއްކުރެވުނު މައުލޫމާތުންނާއި، ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކުރުމުން އެ މަސައްކަތް ފަށާފައިވަނީ އީއައިއޭ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލައިކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

އެހެންވެ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން، އެ މައްސަލައިގައި ބީވީއައިކުންފުނި މިދިޔަ ހޯމަ ދުވަހު 20،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ. އަދި 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އީޕީއޭއިން އެ ކުންފުންޏަށް ވަނީ އަންގާފަ އެވެ.

އޭގެ އިތުރުން ސޮނެވާފުށި ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމަށް މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާއި ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު އެކަމާގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުއްވުމަށް ވެސް އީޕީއޭ އިން ވަނީ ބީވީއައި އަށް އަންގާފަ އެވެ.