ސައޫދީ އަރަބިޔާގެ ފޮރިން މިނިސްޓަރު ފަރުހާން ބިން ފައިސަލް ރަސްމީ ދަތުރުފުޅެއްގައި އީރާނަށް ވަޑައިގެންފި އެވެ.

ސައޫދީ އާއި އީރާނާ ދެމެދު ޒަމާންތަކަކަށް ދެމިގެން ދިޔަ ހަމަނުޖެހުން ހުއްޓާލައި ސުލްހަވާން އެއްބަސްވީ މިދިޔަ މާޗް މަހު ޗައިނާގެ ހުށަހެޅުމަކަށް ކުރެވުނު މަޝްވަރާތަކަކަށް ފަހު އެވެ.

އެ ދެ ގައުމުގެ މެދުގައި ޖެހިފައި އޮތް މައްސަލަތަކުގެ ތެރެއިން އުފެދުނު ސީރިޔާ އާއި ޔަމަނާއި ލެބެނަންގެ މައްސަލަތައް ފަދަ މައްސަލަތަކާއެކު މެދު އިރުމަތީގެ ސަލާމަތަށް އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ.

އަލަށް އުފެދުނު ގުޅުންތަކާ އެކު އީރާނުން އެ ގައުމުގެ އެމްބަސީ ސައޫދީގައި ހުޅުވީ މިދިޔަ ޖޫން މަހު 7 ވަނަ ދުވަހު އެވެ. ސައޫދީގައި ޝީއީ ދީނީ އިލްމު ވެރިޔަކަށް މަރުގެ އަދަބު ދިނުމުން އީރާނުގައި ކުރި މުޒާހަރާތަކެއްގައި ސައޫދީގެ އެމްބަސީއަށް ގާ އުކުމާ ގުޅިގެން ސައޫދީން އީރާނުގައި ހުންނަ އެ ގައުމުގެ އެމްބަސީ ބަންދުކޮށްފައި ހުރުމަށް ފަހު މިހާރު ވަނީ އަލުން ހުޅުވައިފަ އެވެ.

ފަރުހާން ބިން ފައިސަލްގެ ދަތުރުފުޅުގައި އީރާނުގެ ރައީސް އިބްރާހިމް ރައީސީ އާއި އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އީރާނާއި ސައޫދީގެ ގުޅުމުގެ ސަބަބުން އިޒްރޭލުން ގެންގުޅުނު މެދު އިރުމަތީގައި އީރާން ބާކީކޮށްލުމުގެ ސިޔާސަތު ފެއިލްވެ އިޒްރޭލް ބާކީވާ ތަން އަންނަނީ ފެންނަމުންނެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އިޒުރޭލާއެކު ރަސްމީ ގުޅުން ގާއިމުކުރުމުގެ ކުރިން ގުޅުން އާންމު ހާލަތަކަށް ގެނައުމުގެ އެއްބަސްވުމެއްގައި ފުރަތަމަ ސޮއިކުރީ ޔުނައިޓެޑް އަރަބި އެމިރޭޓްސް އެވެ. އޭގެ ފަހުން މޮރޮކޯ އާއި ބަހުރެއިން އިން ވެސް ވަނީ އެފަދަ އެއްބަސްވުމެއްގައި އިޒުރޭލާއެކު ސޮއިކޮށްފަ އެވެ.

އީރާނާއި ސައޫދީގެ ގާތްވަމުން އަންނަ ގުޅުމުގެ ސަބަބުން މެދުއިރުމަތީގެ ގިނަ ގައުމުތަކަކާއެކު އީރާނުން ގާތް ގުޅުން ބާއްވަން އަންނަަނީ ފުރުސަތު ލިބެމުންނެވެ.