ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދަށް ނަސޭހަތްދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޤަޟިއްޔާއެއްގެ ޝަރީއަތް ފެށިގެން ގޮސް، ދެފަރާތުން ހުލާސާ ބަޔާން ހުށަހެޅުމުން ޤަޟިއްޔާގެ ޝަރީއަތުގެ އަޑުއެހުންތައް ނިމުނީކަމާއި، ހުލާސާ ބަޔާން ނިމުނު ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާ ކަމަށެވެ. އަދި ހުކުމް ކޮށްފައިވަނީ ޤަޟިއްޔާގެ އަޑުއެހުންތައް ނިމުނު ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސް ނުހިމަނައި 107 ދުވަސް އަދި ރަސްމީ ބަންދު ދުވަސް ހިމަނައިގެން 157 ދުވަސް ފާއިތުވި ފަހުންކަން ތަހުގީގަށް ހޯދުނު ލިޔެކިޔުންތަކުންނާއި މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ބަހުން އެނގެން އޮންނަ ކަމަށެވެ.

އެ ޤަޟިއްޔާގެ ހުކުމް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 151 ވަނަ މާއްދާގެ (ބ)ގައި ބުނާ މުއްދަތުގެ ތެރޭގައި ކޮށްފައި ނުވަނީ މެޖިސްޓްރޭޓު ރަފީއްދީން އަހުމަދަށް ހުކުމް ކުރުމަށް އެކަށީގެންވާ ވަގުތު ލިބި، މެޖިސްޓްރޭޓްގެ އިހުމާލެއް އޮވެގެން ކަމަށް ތަހުޤީޤަށް ސާބިތުވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެ އެވެ.

އެހެންކަމުން މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ މި އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ، ނަސޭހަތްދިނުމަށް ފެންނަކަމަށް ޖޭއެސްސީގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.