ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ މިއަދު ބޭއްވުމަށް ތާވަލުކުރި އަޑުއެހުމުގެ ޝަރީއަތް ވެސް ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު 9:00އަށް ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ ދައުވާ ލިބޭ އަހުމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީ އެވެ.

މި މައްސަލައިގައި އިއްޔެވެސް އަޑުއެހުމެއް ބޭއްވުމަށް ތާވަލުކުރިނަމަވެސް ކްރިކް ރިޒާގެ ބަލި ހާލަތު ހުރިގޮތުން އަޑުއެހުން ބާއްވާފައެއްނުވެ އެވެ.

ޅމައްސަލައިގައި ދައުވާ ލިބެނީ ކުރީގެ ރައީސް ޔާމީނަށާއި އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

މި ޝަރީއަތް އަވަސް އަވަހަށް އަދި ގިނަ ވަގުތު ހޭދަވާ ގޮތަށް ކުރިއަށް ގެންދާތީ ޔާމީންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި މި ޝަރީއަތުގެ ސަބަބުން، ޔާމީން މިހާރު ތަންފީޒުކުރަމުން ގެންދާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް ލަސްވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.