ޗުއްޓީ ތެރޭގައި ވެސް ކުދިންލައްވައި ކަންކަންކުރުވައި ކަންކަން ދަސްކޮށްދިނުމަށް މަސައްކަތްކުރުމާއި ހާއްސަކޮށް ދީނީ ކަންކަމަށް ކުދިންނަށް ބާރުއަޅައިދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ނައިބު ރައީސް ފައިސަލް މިކަމަށް އެދިވަޑައިގެންނެވީ މުހައްމަދު ގާސިމް ޕްރީ ސްކޫލްގެ ގްރެޖުއޭޝަން 2022-2023ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާ ބާއްވާފައި ވަނީ މިއަދު ހެނދުނު ހުޅުމާލޭގައި ހުރަވީ ސްކޫލްގެ ހޯލުގަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ކުދިންގެ ހުރި ހުނަރުތައް ދެނެގަނެ އެކަންކަން ތަރައްގީކުރުމުގައި ބެލެނިވެރިން ބާރުއަޅައިދިނުމަށް ވެސް އެދިވަޑައިގެންނެވި އެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ ކުދިންނަކީ މަސައްކަތްތެރި ރަނގަޅު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމުގައި ސްކޫލުތަކާއި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައިފަ އެވެ. އަދި އެމަނިކުފާނު ވަނީ ޤައުމަށް ޚިދުމަތްކުރާ ދަރިންތަކެއް އެކުލެވޭ ހެޔޮލަފާޖީލެއް ބިނާކުރުމުގައި ބެލެނިވެރިން އިސްދައުރެއް އަދާކޮށްދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.

މި ޖަލްސާގައި މުހައްމަދު ގާސިމް ޕްރީ ސްކޫލުން ގްރެޖުއޭޓްވި ޔޫކޭޖީ1 އިން ފެށިގެން ޔޫކޭޖީ 8 އާ ހަމައަށް ހުރިހާ ކްލާސްތަކުން ގްރެޖުއޭޓްވި ދަރިވަރުންނަށް ސްކްރޯލް ހަވާލުކޮށްދެއްވީ ނައިބް ރައީސް ފައިސަލް އެވެ.

މުހައްމަދު ގާސިމް ޕްރީސްކޫލަކީ 24 އޮކްޓޫބަރު 2021ގައި ހުޅުވި ޕްރީސްކޫލެކެވެ. މިހާރު 462 ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނައިރު އޭގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ 36 ކުއްޖަކު ވެސް ހިމެނެ އެވެ. މި ސްކޫލުގެ ގްރެޖުއޭޝަން 2022-2023 ގައި ޖުމްލަ 198 ދަރިވަރުން ގްރެޖުއޭޓްވެފައިވެ އެވެ.