"މުހައްމަދު އަމީނު އަހަރެމެންގެ ފަހަތުން ވަޑައިގަތަ ނުދޭތި" މި އިބާރަތަކީ ރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސް މުހައްމަދު އަމީނަށް ނިސްބަތް ކުރައްވައި އިބްރާހިމް ޝިހާބު ވިދާޅުވި ބަސްފުޅެކެވެ. އެ ވަގުތު އަމީންގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށްފައި އޮތް ކަމަށް ވިޔަސް އެކަން އަމީނަކަށް އެނގިވަޑައިގެންފައެއް ނުވެ އެވެ.

ކޮޅުނބުގައި ހުންނަވަނިކޮށް ސަރުކާރުގެ ފަރާތުން އަމީނަށް އެންގެވީ ރައްޔިތުން ރުޅި އައިސްގެން އުޅޭ ވާހަކަ އެވެ. އެ މައްސަލަ ހަމަޖެއްސެވުމަށް ރާއްޖެ ވަޑައިގެންނެވުމަށެވެ. އެ އެދުމަށް އިޖާބަދެއްވައި ރައީސް އަމީން މާލެ ވަޑައިގެންނެވި އެވެ. އެހެން ނަމަވެސް ހުޅުލޭ ފަޅަށް މަތިންދާ ބޯޓު ޖެއްސުމާއެކު ދޯނި ކޮޅެއްގައި އަމީން ގެންދެވުނީ ދޫނިދުއަށެވެ.

ކީއްވެގެންތޯ އެއްސެވުމުން އަމީނަށް ދެންނެވުނީ ރައްޔިތުން ރުޅި އައިސްފައި ތިބިވަރުން މާލެ ގެންދިޔުން އެހާ ބުއްދިވެރި ނޫން ކަމަށެވެ. މާލެ ވަޑައިގެން ރައްޔިތުންނާ ބައަދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވާ ވިދާޅުވުން ކުރު ނުކުރެއްވުމުން ކިލެގެފާނާއި އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ ތިކަން ކުރެވޭނީ ރައްޔިތުންނާ މަޝްވަރާކޮށްފައި ކަމަށެވެ. އެހެންކަމުން ރައްޔިތުންނާ މަޝްވަރާ ކުރެއްވުމަށް އެބޭފުޅުން މާލެ ވަޑައިގަންނަވަން ހިންގަވައިގަތް ވަގުތު، އަހަރެން ވެސް ދާނަމޭ، ވިދާޅުވެފައި އަމީން ވަޑައިގަންނަވަން އުޅުއްވުމުން އެތަނުގައި ތިބި ދޯނީގެ ފަޅުވެރިންނަށް އިޝާރަތް ކުރައްވައި މަތީގައިވާ އިބާރާތްކޮޅު ޝިހާބު ވިދާޅުވި އެވެ.

ޝިހާބުގެ ދޫފުޅުން އެގޮތަށް ވިދާޅުވުމުގެ ކުރިން އަމީނަށް އެމަނިކުފާނުގެ އަތްޕުޅުން ވެރިކަން ގެއްލިވަޑައިގެންފައިވާކަމެއް އެނގިވަޑައެއް ނުގަންނަވަ އެވެ. އެކަމުގައި އިސްވެ އުޅުނު އެއްވެސް ބޭފުޅަކަށް އެހާތަނަށް އެވާހަކަ އަމީނަށް ދަންނަވާކަށް ކެރިވަޑައި ވެސް ނުގަތެވެ. ޝިހާބުގެ އެ ޖުމުލައިން އަމީނުގެ މޫނުފުޅުގެ ކުލަވަގުތުން ބަދަލުވެ، ހުއްޓުން އެރިކަމުގައިވެ އެވެ. އެއާއެކު އެނބުރި ވަޑައިގެން އެމަނިކުފާނު ދޫނިދޫގައި ހުންނަވަން ހަމަޖެހިފައި ހުރި ގެކޮޅުގެ ފެންޑާއަށް ވަދެވަޑައިގެންފި އެވެ.

އޭގެ ދުވަސްކޮޅެއް ކުރިއަށް ޖެހިލާފައި ބަލާއިރު ފެންނަން އޮތީ ރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމުހޫރިއްޔަތަކަށް ބަދަލުކޮށް މުހައްމަދު އަމީނަށް ވެރިކަން ހަވާލުކުރަން ސަރުކާރުގެ އިސް ވެރިންނަށް ފެނިވަޑައިގެން ހުށަހެޅުއްވި ހުށަހެޅުއްވުމެވެ. އެ ހުށަހެޅުއްވުން އަމީނު ގަބޫލުފުޅެއް ނުކުރެއްވި އެވެ.

އެމަނިކުފާނު ބޭނުންފުޅުވެވަޑައިގެންނެވީ ރާއްޖޭގައި ރަސްކަމެއް އޮންނާށެވެ. އެ މައްސަލަ ބަހުސަކަށްވުމުން ރާއްޖޭގައި އޮންނަން ފެންނަނީ ޖުމުހޫރީ ވެރިކަމެއްތޯ ނުވަތަ ރަސްކަމެއްތޯ ކަނޑައެޅުމަށް ނެގި ކޮމިޓީގައި ޝިހާބު ހިމެނި ވަޑައިގެންނެވި އެވެ. އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގެ ވަލިއްޔުލް އަމްރަކަށް ކަނޑައަޅަން ވީ ބޭފުޅަކާ ބެހޭގޮތުން ކުރެވުނު ބަހުސްގައި ޝިހާބު ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައްޔިތުންގެ ނުހަނު މަތިވެރި ލޯބި މުހައްމަދު އަމީނަށް ލިބިވަޑައިގެންވާތީ އަމީން ނޫން މީހަކަށް ރާއްޖޭގެ ވަލިއްޔުލް އަމްރުކަން ހަވާލުކުރަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

މުހައްމަދު އަމީނަށް ރާއްޖޭގެ ރައީސްކަން ހަވާލުކުރުމުގެ ހުރިހާ ކަމެއްގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންނެވުމަށްފަހު ފުރަތަމަ ޖުމްހޫރިއްޔާގެ ކުރު މުއްދަތުގެ ތެރޭގައި ޝިހާބު ހިމެނިވަޑައިގެންނެވީ ސިޔާސީ އިސް ލީޑަރަކަށެވެ. އޭގެ ފަހުގައި އަމީނުގެ ވެރިކަން ބަދަލުކޮށްލި ބަޣާވާތުގައި ވެސް އެ ބަޣާވާތުގެ އިސް ލީޑަރު ވެލާނާގެ އިބްރާހިމް މުހައްމަދު ދީދީގެ އެންމެ އަރިސް ބޭފުޅެއްގެ ހައިސިއްޔަތުން ޝިހާބު މަސައްކަތްޕުޅު ކުރެއްވި އެވެ. މުހައްމަދު އަމީނާ ދެކޮޅަށް ރައްޔިތުން ލޭ ކައްކުވާލުމަށް މާލޭގެ މައިޒާންތަކުގައި ދެވުނު ތަގުރީރުތައް ދެއްވުމުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ ޝިހާބެވެ.

އަމީނާ ދެކޮޅަށް ގެނައި އިންގިލާބުގެ ހަމަނުޖެހުމުގައި ލިބުނު އަނިޔާތަކުގައި އަމީން އަވަހާރަވުމަށް ފަހު ރާއްޖޭގެ ވެރިކަން ރަސްކަމަކަށް ބަދަލުވެ، ސަރުކާރު ހިންގަން ބޮޑުވަޒީރުގެ މަގާމުގައި ކިލެގެފާނު (އިބްރާހިމް އަލިދީދީ) ހުންނެވިއިރު ޝިހާބަކީ އެމަނިކުފާނުގެ ޕްރައިވެޓް ސެކްރެޓަރީ އެވެ. ކިލެގެފާނަށް ސަރުކާރު ހިންގުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވި ބޭފުޅަކީ ޝިހާބެވެ.

ކިލެގެފާނުގެ ބޮޑު ވަޒީރުކަމުގައި ހުންނަވައި ދިވެހި ސަރުކާރުގެ އިސްވެރިންނާ ރައްޔިތުންގެ މަޖިލީހާ ވެސް މަޝްވަރާކުރެއްވުމަކާ ނުލައި އައްޑޫ ގަން 100 އަހަރަށް އިނގިރޭސިންނަށް ކުއްޔަށް ދެއްވަން އެއްބަސްވުމެއްގައި ސޮއި ކުރެއްވި އެވެ. އެ ކުރެއްވި ސޮޔާއެކު ސަރުކާރުގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމުގައި ރައްޔިތުންގެ މަޖިލީހުގައި ކިލެގެފާނާ ދެކޮޅަށް ވަކާލާތުކުރެއްވުމުގައި ވެސް ޝިހާބު އިސް ރޯލެއް އަދާކުރެއްވި އެވެ.

އެ ނުތަނަވަސްކަމުގައި އިދިކޮޅުން އިސް ލީޑަރަކަށް ހުންނެވި އިބްރާހިމް ނާސިރުގެ އެންމެ އަރިސް އެއް ބޭފުޅަކަށް ވެވަޑައިގެން ނާސިރުގެ ރޭއްވެވުމުގެ ދަށުން ކިލެގާފާނުގެ ޕްރައިވެޓް ސެކެރޓެރީ ކަމުން ޝިހާބު އިސްތިޣުފާ ދެއްވި އެވެ. ޝިހާބުގެ އިސްތިޣުފާ ވީ ކިލެގެފާނުގެ ވެރިކަމުގެ ނިމުމުގެ ސިއްކަ ޖެހުން ކަމުގަ އެވެ.

ކިލެގެފާނުގެ ބޮޑު ވަޒީރުކަން ނިމުމަށްފަހު އައި ނާސިރުގެ ވެރިކަމުގައި ވެސް ޝިހާބު ހިމެނިވަޑައިގެންނެވީ ވަރަށް އިސް ބޭފުޅަކަށެވެ. އެ ވެރިކަމުގައި އެކި ވުޒާރާތަކުގެ ވެރިކަމުގެ އިތުރުން ނާސިރުގެ ނައިބު ރައީސެއްގެ މަގާމު ވެސް ޝިހާބަށް ލިބި ވަޑައިގެންނެވި އެވެ.

ނާސިރު އޭނާގެ ރައީސްކަމުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު ވެރިކަން ދޫކޮށްލައްވަން ބޭނުންފުޅުވެވަޑައިގެން އެކަން ރައްޔިތުންގެ މަޖިލިހަށް އެންގެވުމުން އެމަނިކުފާނު ވެރިކަން ދޫކުރައްވައިފިނަމަ ގައުމަށް ދިމާވާނެ ދަތިކަމާއި އެފަދަ ގާބިލް ބޭފުޅަކު ނުލިބޭނެކަން ހާމަކުރައްވައި ރައްޔިތުންގެ މަޖިލީހުން ރައީސް ނާސިރަށް ފޮނުވި ސިޓީގައި މަޖިލިސްގެ ރައީސްގެ ހައިސިއްޔަތުން ސޮއި ކުރެއްވީ ވެސް ޝިހާބެވެ.

ނާސިރުގެ ވެރިކަން ނިމި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޝިހާބު ހިމެނިވަޑައިގެންނެވީ މައުމޫނުގެ އެންމެ އަރިސް ސިޔާސީ ލީޑަރަކަށެވެ.

މައުމޫނުގެ ވެރިކަމަށް ތާއީދުކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި އެމަނިކުފާނު ނައިބު ރައީސް ކަންކުރެއްވި ނާސިރުގެ ސަރުކާރަށް ނިސްބަތްކުރައްވައި ދިވެހި ބަހާ އިސްލާމް ދީން ގާދޫ ކޮލުން ބޭރު ވޭވޭ އޮއްވައި އަނބުރާ ގެންސްދެއްވީ މައުމޫނު ކަމަށް ވިދާޅުވި އެވެ.

މައުމޫނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ދިވެހި ތާރީޚާ ސަގާފަތަށް ޚިދުމަތް ކުރާ މަޖިލީހުގެ ވެރިޔާގެ މަގާމު ފަދަ މަގާމުތައް ޝިހާބު ފުރުއްވި އެވެ.

ޝިހާބަކީ އަލީގަޅު މުސްލިމް ޔުނިވާސިޓީން ކިޔަވައި ވިދާޅުވެގެން ހުންނެވި މޮޅު އަދީބެކެވެ. އެމަނިކުފާނުގެ ގައުމީ ޚިދުމަތް ފެށުނީއްސުރެ ނިމެދެން ވެސް ހިމެނިވަޑައިގެންނެވީ އޭރަކު އޮތް ސަރުކާރެއްގެ އެންމެ ނުފޫޒު ގަދަ ބޭފުޅަކަށެވެ. އެއީ ދިވެހި ސިޔާސީ ކަނޑުގައި ދުއްވި ކޮންމެ އޮޑިއަކަށް ހެޔޮވަރު ރިޔަލެކެވެ. ކޮންމެ ދިމާޔަކުން ޖެހުނަސް އެ ރިޔަލުގައި ވައި އަޅުވާލެވޭނެ އެވެ.