ޗައިނާގެ މިލިޓަރީ ޓްރޭނިންގް މަރުކަޒެއް ކިއުބާގައި ގާއިމުކުރަން އުޅޭ ކަމުގެ ޚަބަރު ލިބެމުން ދާތީ އެކަމުގެ ކަންބޮޑުވުން އެމެރިކާއިން ފާޅު ކޮށްފި އެވެ.

އެމެރިކާއިން ޝައްކުކުރާ ގޮތުގައި ޗައިނާއިން ދަނީ އެމެރިކާ އާއި 100 މޭލު ހިސާބުގައި އޮންނަ ކިއުބާގައި އެދެ ގައުމު ގުޅިގެން މިލިޓަރީ ތަމްރީނު ހިންގާނެ މަރުކަޒެއް ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ.

އިނގިރޭސި ވިލާތައް ކުރައްވާ ޒިޔާރަތެއްގައި ލަންޑަނުގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ ޗައިނާ އިން ކިއުބާގައި މިލިޓަރީ މަރުކަޒެއް ހިންގުން ނުވަތަ އެގައުމުގެ ޖާސޫސުން ކިއުބާގައި ހަރަކާތްތެރިވުމަކީ އެމެރިކާ އެކަމަކާ ވަރަށް ކަންބޮޑުވާ ކަމެއްކަމަށް ވިދާޅުވެފަ އެވެ.

"މިއީ އަހަރެމެން ވަރަށް ގާތުން ބަލައި މޮނިޓާކުރާނެ ކަމެއް. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އަހަރެމެންގެ ގައުމާ އަހަރެމެންގެ މަސްލަހަތު އަހަރެމެން ހިމާޔަތް ކުރާނަން،" ބުލިންކަން ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިލިޓަރީ މަރުކަޒާ ބެހޭ މަޝްވަރާ ތައް ވަނީ ވަރަށް ބޮޑަށް ކުރިޔަށް ގޮސްފަ އެވެ. އެހެން ނަމަވެސް އަދި ވަކި ގޮތަކަށް ނުނިންމަ އެވެ. ބައިޑަންގެ ސަރުކާރުން ވަނީ ޗައިނާގެ މަޝްރޫއު ހުއްޓުވުމަށް ކިއުބާގެ ސަރުކާރުގައި އެދިފަ އެވެ.

އެމެރިކާއިން އަބަދު ވެސް ޝައްކުކުރާ ގޮތުގައި ޗައިނާގެ ޖާސޫސީ މަރުކަޒެއް ކިއުބާގެ ވެރިރަށް ހަވާނާގައި ހުރެ އެވެ. އެވާހަކަ ކިއުބާއިންނާއި ޗައިނާ އިން ދޮގު ކުރެ އެވެ.

ކިއުބާއިން ބުނާ ގޮތުގައި އެގައުމުގައި ހުރި ހަމަ އެކަނި ބޭރު ގައުމެއްގެ މިލިޓަރީ އިދާރާއަކީ އެމެރިކާއިން ގުއެންޓަނާމޯބޭގައި ހިންގާ ވައިގެ މަރުކަޒެވެ.