ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ގިނަ ސުވާލުތަކެއް ކުރިމަތިކޮށް މަޖލީހަށް ހާޒިރު ކުރުމަށް އިދިކޮޅު ޕީޖީ ގްރޫޕުން މަޖިލީހަށް ހުށައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ސޮއި ކުރައްވާ މިއަދު ހުށަހެޅުއްވި ސިޓީގައި ބުނެފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް ބާރަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ވީހިނދު، ގާނޫނުއަސާސީގެ ދަށުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ސުވާލު ކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.

ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދުގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިނުވާކަން ފާހަގަކޮށް އެ ސިޓީގައި ބުނެފައިވަނީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ހޯދައިދިނުމަކީ ރައްޔިތުންގެ މަސްލަހަތުތައް ހިމާޔަތްކޮށް ގައުމުގެ ހަމަޖެހުން ގާއިމު ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށެވެ.

މަޖިލީހުގެ ރައީސްއަށް އެޑްރެސްކޮށް މައިނޯރިޓީ ލީޑަރު ފޮނުއްވި ސިޓީގައި ގިނަ ކަންތައްތަކެއް ބަޔާންކޮށްފައިވެ އެވެ. އެގޮތުން މޮރީޝަސްއާ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖޭގެ ކުރީ ސަރުކާރުތަކުން ގެންގުޅުނު ސްޓޭންޑް ބަދަލު ކުރި ސަބަބު ހޯދަން އެދިފައިވެ އެވެ.

އަދި ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ބޮޑުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ހުރަސް އެޅޭ ގޮތަށް ޗާގޯސްގެ ސިޔާދަތީ ބާރުތައް މޮރީޝަސްއަށް ދޫކޮށްލަން ޖެހުނު ސަބަބާއި ބެހޭގޮތުންވެސް ސުވާލުކުރުމަށް އެދިފައިވެ އެވެ. ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ގޮތް ނިންމެވުމުގެ ކުރިން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ރައުޔެއް ނުހޯދި ސަބަބާއި މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ސިއްރު ކުރައްވަނީ ކީއްވެތޯ އާއި އެ ސިޓީގައިވާ ކަންކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަދި ބަންޑާރަ ނައިބުގެ ލަފާ ހޯއްދެވިތޯ ސާފު ކުރުންހިމެނެ އެވެ. އިތުރުން، އުތުރުތިލަފަޅާއި، ހަނިމާދޫ އެއާޕޯޓާ ބެހޭ ގޮތުން އިންޑިއާ ސަރުކާރާ އެކު ހަދާފައިވާ އެއްބަސްވުން ސިއްރު ކުރި މައްސަލައާއި، ވެރިކަން ކުރާ އެމްޑީޕީގެ ކެމްޕެއިނަށް ދައުލަތުގެ މުދަލާއި ވަސީލަތްތަކުގެ ބޭނުން ކުރައްވާ ކަމަށް ތުހުމަތުކޮށް އެކަން ސާފު ކޮށްދެއްވުމަށް ވެސް ހިމަނާފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސްގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތިގެން މަޖިލީހުގެ މަސައްކަތްތައްވަނީ ހުއްޓިފަ އެވެ. އިދިކޮޅުން ބުނަނީ ސަރުކާރުން ގަސްތުގައި މަޖިލީސް ޑެޑް ލޮކަކަށް ގެނެސްފައިވާ ކަމަށެވެ.