ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުގެ ކުރިން ރަެއީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ މައްސަލަތައް ނިންމަން ވަގުތު އެބަ އޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޥާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ވ. އާރަށު މައްސަލަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުގެ ކުރިން ނިންމަން ވަގުތު އެބަ އޮތް ކަމަށާއި، އެކަން ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިލާން އޮންނަ މުއްދަތު ހަމަވުމުގެ ކުރިން ރައީސް ޔާމީންގެ މައްސަލަތައް ނިންމައި ދިނުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ ހައިސިއްޔަތުން އޭނާ އެދިފައިވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ އިންތިޚާބުގެ ކުރިއަށް ދެ މައްސަލަވެސް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ކޯޓުގައި ވެސް އަޅުގަނޑުމެން މިދަންނަވަނީ މިވާހަކަ އެބޭފުޅުން އެބަދައްކަވައޭ. އެހެންވީމަ ކޯޓުން ވެސް މަސައްކަތް ކޮށްދެއްވާށޭ އެދުވަހަށް ނިންމަވައި ދެއްވަން. އަޅުގަނޑު އުއްމީދު ކުރަނީ އެހައި ތަނަށް ކޮންމެވެސް ހުކުމަކާއި ހަމައަށް އެދެމައްސަލަގަ ވެސް ދެވިދާނެ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްޗަށް ރ. ފުށްގިރީގެ މައްސަލައިގައި ދަށުކޯޓުގައި މިހާރު ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް ވަނީ ފުލުފުލުގައި ތާވަލަ ކޮށްފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ކުރިއަށްދާންޖެހޭ ސްޕީޑުގައި ނުދާތީ ވަކީލުންނާއި ޕީޕީއެމް ޕީއެންސީންވެސްދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައީސް ޔާމީނަކީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެވެ.