މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ސައުދީއަރަބިއްޔާއަށް ދިޔަ އިތުރު ދިވެއްސަކު އިއްޔެ ނިޔާވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިއްޔެ ހަވީރު ނިޔާވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން 72، އެވެ. އޭނާ ނިޔާވީ މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ރާއްޖޭ ގަޑިން 6:17 ގައި ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނިލް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހައްޖަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ދެ ދިވެއްސެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ހައްޖުވެރިންގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔަ ހައްޖުވެރިއަކު ނިޔާވެފައި އޮއްވާ އިއްޔެ ފެނިފައިވެ އެވެ. ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނީ ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީ 72، އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔައީ 1000 މީހުންނެވެ.

މިއީ ކޮވިޑް އަށް ފަހު އެންމެ ގިނަ މީހުން ހައްޖަށް ދިޔަ ފުރަތަމަ ފަހަރެވެ. ހައްޖާޖީންގެ ސަލާމަތީ ކަންކަމަށް ސައުދީން ވަނީ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ.