މާލޭގެ މަގުތައް މަރާމާތު ކުރުމުގައި މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުން އެންމެ އެދެވޭ ބަދަލެއް ނުފެންނަނީ ސަރުކާރުން މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލްގެ އަތުން އަނބުރާ ގެންދިއުމުގެ ސަބަބުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒު މިފަދައިން ވިދާޅުވީ މާލެސިޓީގެ މަގުތަކަކީ އަމާން ރައްކާތެރި އަދި ހިތްފަސޭހަ މަގުތަކަކަށް ހެދުމަށްޓަކާ މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގެ 14 މަގަކުން 174 ކާނުމަތި ބަދަލު ކުރި ހަބަރާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް މަރާމާތު ކުރުމަށް ކައުންސިލުން ކޮންމެ ދުވަހަކު ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެހެން ނަމަވެސް އެންމެ އެދެވޭ ފަދަ ބަދަލެއް ނުފެންނަނީ މަގުހެދުމުގެ މަޝްރޫއު ސަރުކާރުން އަނބުރާ ގެންދިޔުމުގެ ސަބަބުން ކަން މޭޔަރު ފާހަގަކުރެއްވި އެވެ.

މާލޭގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ނިމިދިޔަ ކައުންސިލާއި ސަރުކާރާއި ދެމެދު ހެދިފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް މާލެ ސިޓީކައުންސިލްގެ އަތުން މަޝްރޫއު ގެންދިއުމަށްފަހު އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ސަރުކާރުގެ ކުންފުނި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑިސީ) އާއި އެވެ.

ކައުންސިލުން ބުނިގޮތުގައި މަގު ހެދުމުގެ މަޝްރޫއު ގެންދެވި ނަމަވެސް ހަތަރު ވަނަ ދައުރުގެ ކައުންސިލުން މާލޭގެ މުނިސިޕަލް ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، މާލެސިޓީގެ މަގުތަކަކީ އަމާން ރައްކާތެރި އަދި ހިތްފަސޭހަ މަގުތަކަކަށް ހެދުމަށްޓަކާ ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މާލެ އައި ވިލިމާލޭގެ މުނިސިޕަލް ކަންކަން ރަނގަޅުކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.