"ވޯޓާ ފާސްޓިން" ނުވަތަ ހަމައެކަނި ފެން ބޮއެގެން ބަރުދަން ލުއި ކުރުމަކީ މިހާރަަކަށް އައިސް ގިނަ ބަޔަކު އަޖުމަ ބަލަމުން އަންނަ ކަމެކެވެ.

މިކަމާ ބެހޭގޮތުން މިފަހުން ހެދި ދިރާސާއެއްގައި މވަނީ ހަމައެކަނި ފެން ބޮއެގެން ބަރުދަން ލުއި ކުރެވުނު ނަމަވެސް އެ ނަތީޖާ މާ ގިނަ ދުވަހަށް ދެމިގެން ދިއުން ދުރު ކަމަށް ބުނެފަ އެވެ.

ޗިކާގޯގެ ޔުނިވާސިޓީއަކުން ހެދި މިދިރާސާގައި ބުނެފައިވަނީ ހަމައެކަނި ފެން ބޮއެގެން ކުރު މުއްދަތުގައި ބަރުދަނަށް ބަދަލު އައިސްދާނެ ކަމަށާއި އެހެން ނަމަވެސް އެ ނަތީޖާ ދިގު މުއްދަތަކަށް ހުރުން ވަރަށް ނާދިރު ކަމަށެވެ.

އެގޮތުން ޑައިޓް ފަށާތާ އެއް މަސް ދުވަހްގެ ތެރޭގައި ބަރުދަނަށް ބަދަލު އަންނަން ފަށާ ކަމަށާއި އެހެން ނަމަވެސް ޑައިޓު ހުއްޓާލާތާ ދެ ހަފްތާ ތެރޭގައި އަނެއްކާ ބަރުދަން އިތުރުވާން ފަށާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

ބަރުދަން ލުއިވުމުގެ އިތުރުން ވެސް ސައިންސްވެރިން ވަނީ ހަމައެކަނި ފެން ބުއިމުގެ ފައިދާތަކަށް އަލިއަޅުވާލާފަ އެވެ. އެގޮތުން ލޭގެ ޕްރެޝަރު ހަމައަކަށް އެޅުމާއެކު ނުރަނގަޅު ކޮލެސްޓްރޯލް ވެސް ދަށްވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

މި ޑައިޓުގެ ވަކި ހާއްސަ ގެއްލުމެއް ދިރާސާގެ ހޯދުންތަކުން ފާހަގަވެފައިނުވާ ކަމަށް ބުނަމުން ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވީ ދިގު މުއްދަތަށް ނަތީޖާތައް ނުހިފެހެއްޓުމަކީ ފާހަގަ ކުރެވުނު ކަމެއް ކަމަށެވެ.

އެހެން ކަމުން ދިގު މުއްދަތުގެ ނަތީޖާއަށް ހަމަ އެންމެ ރަނގަޅީ ސިއްހަތަށް ރަނގަޅު ކާނާ ކެއުމާއެކު ކަސްރަތު ކުރުން ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.