މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް މިހާރު ވަނީ މިމަހުގެ 23 ވާ އާދިއްތަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް އިތުރުކޮށްފަ އެވެ. އިނާމަށް ނަން ހުށަހަޅާ ފޯމާއި، އިނާމު ދިނުމުގެ އުސޫލު މީޑިއާ ކައުންސިލުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.

މިއަހަރު ވެސް ނޫސް މަޖައްލާ ކެޓަގަރީއާއި، ބްރޯޑްކާސްޓިން ކެޓަގަރީ ހިމެނޭހެން 12 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ނިންމާފަ އެވެ. ނޫސްވެރިކަމުގެ އިނާމަކީ ނޫސްވެރިން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އަދި މި ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ނޫސްވެރިންނަށް ހިތްވަރު ދިނުމުގެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ މަގުސަދަކީ މީޑިއާގައި ހަރަކާތްތެރިވާ މީހުން ތަބާވާން ޖެހޭ ހަމަތަކާއި އަހުލާގީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރުގައި މަސައްކަތް ކުރާ ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް ނޫސްވެރިންނަށް ހިތްވަރު ދިނުން ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

މި އިނާމަށް ކުރިމަތިލާ ނޫސްވެރިންނަކީ ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއްގައި ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ދެމެދު މަދުވެގެން 9 މަސް ދުވަހު މަސައްކަތްކޮށްފައިވާ ނޫސްވެރިއަކަށް ވާން ޖެހެ އެވެ.