މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ކޮލެޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ އެމްއައިޓީއިން ކޮލެޖެއްގެ ދަރަޖަ ހޯދުމަށް އެދި އެ މިނިސްޓްރީއަށް ހުށަހެޅި އެޕްލިކޭޝަން ދިރާސާކުރުމަށްފަހު، ކޮލެޖެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަކޮށްފައި ވާތީ ކޮލެޖެއްގެ ގޮތުގައި އެ އިންސްޓިޓިއުޓް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އެމްއައިޓީއަށް ކޮލެޖެއްގެ ދަރަޖަ ދީ، އެކަމުގެ ލިޔުން އެ އިންސްޓިޓިއުޓާއި ހަވާލުކޮށްދެއްވީ ހަޔާ އެޑިޔުކޭޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. އެއިންސްޓިޓިއުޓްގެ ފަރާތުން ސެޓްފިކެޓާ ހަވާލުވީ ޑިރެކްޓަ އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އަކީ ސެންޓަ ފޯ ކެރިއާ އެންޑް ޓެކްނިކަލް އެޑިޔުކޭޝަން (ސީސީޓީއީ)ގެ ނަމުގައި 12 ޖުލައި 2005 ގައި ވޫޖުވި ތަނެކެވެ. އެ އިންސްޓިޓިއުންޓުން ތަފާތު އެކި ދާއިރާތަކުން 50 އަށްވުރެ ގިނަ ކޯސް ހިންގަމުންނެވެ. މިވަގުތު ވެސް އެކި ދާއިރާތަކުން 200 އަށް ވުރެ ގިނަ ބައިވެރިން އަންނަނީ ތަމްރީނުވަމުންނެވެ.