ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންއަށް އެކްޓް ކުރަން ނޭނގޭ ކަމަށާއި އޭނާއަކީ އެހީ ރީތި ވެސް މީހެއް ނޫން ކަމަށް ޕާކިސްތާނުގެ އެކްޓަރެއް ކަމަށްވާ މަންހޫރު ބެލޮޗް ބުނެފި އެވެ.

ޕާކިސްތާނުގެ ޓޯކް ޝޯއެއްގައި ވާހަކަ ދައްކަމުން މަންހޫރު ބުނީ މީހެއްގެ ކާމިޔާބީއާ އޭނާގެ ބުރުސޫރައާ ގުޅުމެއް ނެތް ކަމަށެވެ. އެގޮތުން ޝާހުއަކީ ވަރަށް މޮޅު ވިޔަފާރިވެރިއެއް ކަމަށާއި ދާއިރާގައި އޭނާގެ ނުފޫޒު ހިންގަން ޝާހުއަށް އެނގޭ ކަމަށް މަންހޫރު ބުންޏެވެ.

"ޝާހުއަކީ ރީތި މީހަކަށް ނުވިޔަސް ރަނގަޅު ޝަހްސިއްޔަތެއް ލިބިފައިވާ މީހެއް. ބުރުސޫރަ ރީތި ވިޔަސް ޝަހްސިއްޔަތެއް ނެތިއްޔާ ކާމިޔާބެއް ނުވާނެެ" މަންހޫރު ބުނެފައިވެ އެވެ.

މަންހޫރު އިތުރަށް ބުނީ އެއީ އޭނާގެ ޚިޔާލު ކަމަށާއި އޭނާއާ ދެބަސްވާނެ ބަޔަކު ވެސް އުޅޭނެ ކަމަށެވެ. އެއީ މައްސަލައެއް ނޫން ކަމަށް ވެސް މަންހޫރު ބުންޏެވެ.

މަންހޫރުގެ މި އިންޓަވިއުއާއެކު ޝާހްރުކް ޚާނަށް ސަޕޯޓުކުރާ ފަރާތްތަކުން އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން މަންހޫރުއަކީ ކާކުކަން ވެސް އެނގޭ މީހަކު މަދުވާނެ ކަމަށް އެމީހުން ބުނެ އެވެ.