ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ މިއަދު ބޭއްވުމަށް ތާވަލުކުރި އަޑުއެހުމުގެ ޝަރީއަތް ވެސް ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދުގެ ހެނދުނު 9:00 އަށް ތާވަލްކުރި އަޑުއެހުން ވެސް ކެންސަލް ކުރީ ދައުވާ ލިބޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ އަހުމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީ އެވެ.

މިއީ މި މައްސަލައިގެ ޝަރީއަތް ޖެހިޖެހިގެން ކެންސަލްކުރި ފަސްވަނަ ފަހަރެވެ.

މި މައްސަލައިގެ ޝަރީއަތްތައް އީދު ބަންދަށް ފަހު ފުލުފުލުގައި ކުރިއަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން ތާވާލުކުރި ނަމަވެސް ޝަރީއަތް ފެށޭނެ ގޮތް ވަނީ ނުވެފަ އެވެ.

ފުއްގިރި މައްސަލާގައި ކްރިކް ރިޒާގެ އިތުރުން ދައުލަތުން ދައުވާކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި ދުވަސްވަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޒިޔަތު ހިމެނޭހެން މިހާތަނަށް ވަނީ ފަސް މީހެއްގެ ހެކިބަސް ނަގައިފަ އެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނެގީ ކްރިކް ރިޒާގެ ފިންގާ ޕްރިންޓް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަ ހެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވެ ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންގީޒު ކުރައްވަމުންނެވެ.