ބޯހިޔާވަހިކަމަކީ އެންމެ ޒަރޫރީ އެއް ބޭނުމެވެ. އެއީ އިންސާނީ އަސާސީ ހައްގެއް ކަމަށް ބެލެވެ އެވެ. ބޯހިޔާވަހިކަން ލިބެން އޮތީ ގޯއްޗެއް ލިބިގެން ކަމަށްވާ ނަމަ އެފަދަ ގޯއްޗަކަށް ޝަރުތު ހަމަނުވާނެ މީހަކު ހުރެގެން ނުވާނެ އެވެ. މިހާރުގެ ބަހުސަކީ ހިލޭ ގޯތި ދިނުމާއި އެގޯތިތަކަށް ޝަރުތު ހަމަވާ މީހުންގެ ބަހުސެވެ. މި ބަހުސުތަކަށް ދެކެވޭ ވާހަކަތައް ގިނަވެފައި، ނަގާ ޕޮއިންޓްތައް ތަފާތުވި ކަމަށް ވިޔަސް ކޮންމެ ބައެއްގެ ވެސް ވާހަކަ ނިމޭ ހިސާބަކީ އެބަޔަކަށް ގޯތި ހައްގުވާ ކަމަށް ނިންމާ ހިސާބެވެ. ހަގީގަތަކީ ވެސް އެއީ އެވެ. އެހެންކަމުން މާލޭ މީހުނަށް އެކަނި ގޯއްޗަށް ޝަރުތު ހަމަވާ ވާހަކައަކީ ބަލައިގަނެވޭ ވާހަކައަކަށް ނުވެ އެވެ.

މާލެ އާއި މާލެ ސަރަހައްދު

ބޯހިޔާވަހިކަމުގެ ވާހަކައާ ގުޅިގެން އުފަންވާ އެންމެ ޝައުގުވެރިއެއް ވާހަކައަކީ މާލެ ސަރަހައްދުގެ ވާހަކަ އެވެ. ވާހަކަ ދެކެވޭ ގޮތަށް ބަލާއިރު މާލެ ސަރަހައްދުން ގޯތި ލިބެން ޖެހެނީ މާލޭގެ ރައްޔިތުންނަށެވެ. ސުވާލަކީ މާލެ ސަރަހައްދުގެ އިމަކީ ކޮބައި ހެއްޔެވެ؟

މާލެ ފުރުނުތާ ކިތައްމެ ދުވަހެކެވެ. ފުރުނީ ރާއްޖޭގެ އެތަން މިތަނުން ދިޔަ މީހުނަށް ގޯތި ދީގެންނެވެ. އެއީ ޒަމާނުއްސުރެ އެކަން ވަމުންއައި ގޮތެވެ. މާލެއަށް މީހުން ދިޔައީ އެރަށަށް ދާން ޖެހޭ ސަބަބުތަކެއް އޮތުމުންނެވެ. އެހެންކަމުން އެރަށުގައި ދިރިއުޅެން ބޭނުންވާ މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ފެށްޓެވީ ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރެވެ.

މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް.

ރައީސް ނާސިރުގެ ޒަމާނުގައި މާލޭގެ ފަޅުން ބިން ހިއްކަން ބޭނުންވާ މީހުން އަމިއްލައަށް ބިން ހިއްކަން ފުރުސަތު ދެއްވި އެވެ. އެގޮތަށް ހިއްކާ ބިމުން ހިއްކި މީހާއަށް ދެބައިކުޅަ އެއްބައި ލިބެ އެވެ. އަނެއް ބައި އޮންނަނީ ސަރުކާރަށެވެ. އޭގެ ފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މާލޭގެ ފަޅު އެއްކޮށް ހިއްކައިގެން ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލެއް ނުވި އެވެ.

ފަޅު ހިއްކައިގެން ވެސް މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ނުލިބުން ރައީސް މައުމޫނު ދެން އިއުލާން ކުރެއްވީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ރާއްޖެ ލާމަރުކަޒީ ގޮތުން ބައިތަކަށް ބަހާލައިގެން ތަރައްގީކުރުމުގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ތިން ހަތަރު ރަށެއް ކަނޑައެޅި އެވެ. އެއީ ޅ. މާފިލާފުށްޓާއި ކ. ވިލިނގިއްޔާއި އަދިވެސް މާލެ ކައިރިން އޭރު ރިސޯޓް ހިންގަމުން ގެންދިޔަ ދެ ރަށެކެވެ. މި ރަށްރަށުގެ އިތުރުން ލާމަރުކަޒީ އުސޫލުން ތަރައްގީކުރާ ސަރަހައްދުތަކެއް ކަމަށް ކަނޑައަޅައި ލ. ގަމުންނާއި ސ. ހިތަދޫ އިން މާލޭގެ ރައްޔިތުން ވެސް ހިމެނޭހެން ކޮންމެ ހިސާބެއްގެ ބަޔަކަށް ވެސް ގޯތި ލިބޭ ގޮތަށް ހަމަ ޖެއްސެވި އެވެ. އެ މަޝްރޫއުގެ ތެރެއިން އަމަލީ ސިފައެއް އައިސްފައި ވަނީ ހަމަ އެކަނި ވިލިނގިލި މަޝްރޫއަށެވެ. އެރަށުގައި ފްލެޓްތައް އަޅައި ގޯތިތައް ދީ މީހުން އާބާދުކުރި އެވެ. މާލެ ސަރަހައްދު މިބަސް އުފަންވީ މި ހިސާބުން ކަމަށް ބެލެވެ އެވެ.

ހުޅުމާލެ

ވިލިނގިލި އާބާދު ކުރިކުރުމަކުން ވެސް މާލެއަށް ދިމާވެފައި އޮތް ތޮއްޖެހުމަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. އޭގެ ފަހުން މާލޭގެ ސަރަހައްދު އިތުރަށް ފުޅާކޮށް މައުމޫނު ފެށްޓެވި އަނެއް މަޝްރޫއަކީ ހުޅުމާލެ ހިއްކުމުގެ މަޝްރޫ އެވެ. އެވެސް މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ހިންގުނު ޕްރޮގްރާމެކެވެ. އެ މަޝްރޫއުގެ ދަށުން ހިއްކި ބިމުގައި އެޅި ފްލެޓްތަކާއި ވިއްކި ގޯތިތަކުގެ ސަބަބުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ކަމަށް ބުނެވިދާނެ އެވެ. ޚާއްސަކޮށް ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ހިޔާ ފްލެޓްގެ ސަބަބުން އެތައް ހާސްބަޔަކަށް އެއްފަހަރާ ބޯހިޔާވަހިކަން ލިބޭގޮތް މެދުވެރިވި އެވެ.

ކުރީ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓްތައް

އެ ރަށުގައި ތަފާތު އެކި މަޝްރޫއުގެ ދަށުން ފްލެޓުތައް އަޅައި މީހުން އާބާދުވަމުން ދިއުމުގެ ސަބަބުން މާލޭގެ ގެދޮރުގެ ދަތިކަމަށް ހައްލު އަންނަމުންދާ ކަމަށް ބެލެވެ އެވެ.

ހުޅުމާލޭގެ ހިއްކައިފައިވާ ބިމުގައި ފްލެޓް އެޅުމަށް ބޭނުންވާ ބިން ހުރުމާއެކު ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިކަމުގެ ޕްރޮގްރާމް ކުރިޔަށްގެންދާ ކަމަށް ވާނަމަ މާލެ ސަރަހައްދުގައި ގެދޮރަށް އޮތް ޑިމާންޑާއެއް ވަރަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގޭނެ އެވެ.

ގޯތި ހައްގު ވަނީ ކޮންބަޔަކަށް؟

މިހާރުގެ ރާއްޖޭގެ ހާލަތު އޮތްގޮތުން ބައެއް ރަށްރަށުގައި ވަނީ ބިން ހުސްވެ، ގޯތި ދޭނެ ގޮތެއް ނެތިފަ އެވެ. އެއްގޮތަކަށް ވެސް ގޯތި ނުދޭތާ އެތައް އަހަރެއްވީ ރަށްރަށް ވަރަށް ގިނަ އެވެ. މާލެއަކީ ރާއްޖޭގެ ވެރި ރަށަށްވުމުގެ އިތުރުން އެއްތަނަކުން އެންމެ ގިނަ ޒަރޫރީ ބޭނުންތައް ފުދެން އޮތް ހަމައެކަނި ރަށްކަމަށް ވުމުން އެރަށުގައި އުޅެން ބޭނުންވާ މީހުން ގިނަ އެވެ.

މާލެއަކީ ޒަމާނުއްސުރެ އެގޮތަށް މީހުން ހިޖުރަކޮށް އާބާދުވަމުން އަންނަ ރަށެކެވެ. މާލޭގައި އޮތް ރާއްޖޭގެ ރަސްކަން ވެސް ގިނަ ފަހަރަށް ކުރަނީ ރާއްޖެތެރޭގެ ދަރިކޮޅުތަކުންނެވެ. އެންމެ ފަހުން އޮތް ހުރަވީ ދަރިކޮޅަކީ ކ. ހުރާ އާއި މ. މުއްޔަށް ނިސްބަތްވާ ދަރިކޮޅެކެވެ. އެހެންކަމުން މާލޭގެ އާބާދީގެ ބޮޑުބަޔަކީ ކާފަ މުނިކާފަ ހިސާބުން ރާއްޖެ ތެރޭގެ ކޮންމެ ވެސް ރަށަކާ ގުޅިފައިވާ އާއިލާއެކެވެ.

މާލެ މީހުންނަށް ހުޅުމާލެއިން ބިން ދޫކުރަން ކަނޑައަޅާފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން މިދިޔަ ޖެނުއަރީ މަހު ކުރަނީ.

މާލެއިން ގޯތި ހޯދުން ބޭނުން މީހަކަށް ވަރަށް ފަސޭހައިން އޮތް ޒަމާނެއް ދިޔަ އެވެ. ރާއްޖޭގެ އެހެން ރަށް ރަށެކޭ ވެސް އެއްފަދައިންނެވެ. ނަމަވެސް އެކަން މިހާރު މިވަނީ ނިމުމަކަށް އައިސްފަ އެވެ. ބިން ފުރުނީ އެވެ. ގޯތި ދޭނެ ތަން ނެތީ އެވެ. ހަމަ އެއާއެކު މާލޭގެ ބިން ރަނަށް ވެސް ވީ އެވެ. މިހާރު މާލެއާއި ހުޅުމާލޭގެ ބިމެއްގެ އަގު އެތައް މިލިއަނަކަށް އަރަ އެވެ. އެހެންކަމުން އެއިން ބިމެއް ވަކި މީހަކަށް ހިބަކޮށް ދިނުމަކީ އެހެން އެންމެނަށް ވެވޭ ބޭއިންސާފަކަށް ނޫނީ ނުވާނެ އެވެ.

ގޯތީގެ މައްސަލައިގެ ހައްލު

ކުރިއަރާފައިވާ އެއްވެސް ގައުމެއްގައި ގޯއްޗަކީ ހިލޭ ބަހާ އެއްޗެއް ނޫނެވެ. ޚާއްސަކޮށް ބިމުގެ ދަތިކަން ފޯރާފައިވާ ތަނެއްގައި އެކަން އެގޮތަކަށް ނުކުރާނެ އެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ހިލޭ ބިންދޭ ގޮތަށް އޮތް އުސޫލު ނިމުމަކަށް އަންނަން ޖެހެ އެވެ. އޭގެ ބަދަލުގައި ބިމާ ބެހޭ ގާނޫނެއް ހަދައި، ބިން ވިއްކާނެ އުސޫލުތަކެއް ކަނޑައަޅަން ޖެހެ އެވެ. ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތެއް އެކުލަވާލައި ބޯހިޔާވަހިކަމަކީ ކެމްޕޭނުގައި ވޯޓު ހޯދުމަށް ބޭނުންކުރާ ހަތިޔާރަކަށް ހެދުން ހުއްޓާލަން ޖެހެ އެވެ.

ބިމާ ބެހޭ ގާނޫނާއި ބޯހިޔާވަހިކަމުގެ ސިޔާސަތު ރާއްޖޭގެ އެންމެންނަށް ހަމަހަމަ އުސޫލަކުން ކަނޑައެޅިފައި އޮންނަން ޖެހެ އެވެ. ވަކި ރަށަކަށް އުފަންވުމުން ނުވަތަ ރަޖިސްޓަރީވުމުން އެ މީހަކީ ޚާއްސަ މީހަކަށްވާ އުސޫލަކީ މާޒީކަމުގައި ވެގެން ނޫނީ މިހާރު އުފެދިގެން އުޅޭ މައްސަލަތަކަށް ހައްލެއް ނެތެވެ.