މާލޭގައި ގާއިމްކުރާ އިސް ރަށްވެހިންގެ މަރުކަޒު ވަރަށް އަވަހަށް ހުޅުވޭނެކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސް ރަށްވެހިންގެ ޖަމިއްޔާގެ 10 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މާލޭގައި ގާއިމުކުރާ އިސްރަށްވެހިންގެ މަރުކަޒުގެ މަސައްކަތްތައް ނިންމައި މިހާރު އަންނަނީ ހުޅުވުމުގެ ތައްޔާރީތައްވަމުން ކަމަށެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ، އަތޮޅު ތެރޭގައި ވެސް އެފަދަ މަރުކަޒުތައް ގާއިމްކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އަދި ވަރަށް އަވަހަށް ހުޅުމާލޭގައި ވެސް އެފަދަ މަރުކަޒެއް ގާއިމްކުރެވިގެން ދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިސް ރަށްވެހިންގެ މަރުކަޒުތަކުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި އިސް ރަށްވެހިންނަށް ނޫންކަމަށާއި، އެމަރުކަޒުތަކުގެ ސަބަބުން ޒުވާނުންނަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، މިއަދު އިސްރަށްވެހިންގެ ގޮތުގައި ތިއްބެވި ފަރާތްތަކަކީ، މާޒީގައި، ގައުމަށް އަދި ދިވެހި ދައުލަތަށް އިހްލާސްތެރި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައި ނަމޫނާ ދައްކަވާފައިވާ ބޭފުޅުން ކަމަށެވެ. އަދި އިސްރަށްވެހިންގެ ތަޖުރިބާތަކުގެ މުހިއްމުކަން ފާހަގަކުރައްވައި ފައިސަލު ވިދާޅުވީ، ގައުމެއް ކުރިއަރައި ދަނީ އެކި އުމުރުފުރާގެ ހުރިހާއެންމެންގެ ވިސްނުމާއި ފިކުރު ކަންތައްތަކުގައި ބޭނުންކޮށްގެން ކަމަށެވެ.
މިޖަލްސާގައި، މަޑުލު މުޙައްމަދު ވަހީދު ލިޔުއްވައި، އިސްރަށްވެހިންގެ ޖަމިއްޔާއަށް ހަދިޔާކުރައްވާފައިވާ "ދިވެހި އިސްރަށް ވެހިންނަށް ލޯތްބާއި އެކު" ފޮތް، ނެރެދެއްވީ ނައިބު ރައީސް ފައިސަލް އެވެ.
މީގެ އިތުރުން މިޖަލްސާގައި ވަނީ އިސްރަށްވެހިންގެ ޖަމިއްޔާގެ މެމްބަރު، އަދި ދައުލަތުން ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައިވާ ބަދުރުއް ނަޞީރު ލިޔުއްވާފައިވާ ފޮތް، "ޚިދުމަތުގެ ހަނދާންތައް" ނައިބު ރައީސް ފައިސަލަށް ވެދުމަށް އަރުވާފަ އެވެ.
މިފޮތަކީ ބަދުރުއްނަޞީރު، އެބޭފުޅާގެ ޙަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވި، ރޭޑިއޯ ބްރޯޑްކާސްޓިން ދާއިރާއާ ގުޅޭ ގޮތުން ލިޔުއްވާފައިވާ ފޮތެކެވެ.