ޖިންސީ ގޯނާގެ އެތަކެއް ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމުންވެސް ސަލާމަތްވެއްޖެ އެވެ.

ތިން އަހަރަށް ފަހު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވަނީ ރާއްޖެއަށް އައިސްފައިވާއިރު އޭނާ ތަންފީޒުކުރަން ޖެހޭ އެއްވެސް ހުކުމެއް ނެތެވެ. އަދި ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރާ މައްސަލާގައި އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންވެސް ވަނީ ނިންމާފަ އެވެ.

ސުޕްރީމް ކޯޓުން އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ހުކުމް މާފުކޮށްދީފައިވަނީ އެކަމަށް އެދި އަލީ ވަހީދު ސިޓީއެއް ފޮނުވުމުނެވެ.

ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވެފައިވާ މީހަކު، އެ ކުށަށް ހިތާމަކުރާކަން ލިޔުމަކުން ކޯޓަށް އެންގުމާއެކު ތެދު ނިޔަތުގައި މާފަށް އެދިއްޖެ ހާލަތެއްގައި، އަދަބެއް ކަނޑަނާޅާ އެ ފަރާތެއް ދޫކޮށްލުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

އަލީ ވަހީދު ރާއްޖެ ދޫކޮށް ވަޑައިގަތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ޖިންސީ ގޯނާގެ ދައުވާތަކެއް އޮއްވާ އަދި އެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށެވެ.

ޖިންސީ ކުށުގެ ދައުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދީ، އެކުވެރިޔާ އަސްހަދު އަލީ ޖާމިނުކުރުމަށް ފަހު، ގާނޫނާ ހިލާފަށް ދޫކޮށްލި ޕާސްޕޯޓެއްގައި ހަމަ އެ ދުވަހު ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ރާއްޖޭން ފުރާވަޑައިގަތެވެ. އޭގެ ފަހުން އޭނާ ހުންނެވީ ޝަރީއަތަށް ހާޒިރުނުވެ، އިނގިރޭސިވިލާތުގަ އެވެ.