ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ގެނައި ހިލަ ބާޖް އަރިއަޅާލައި، ފަރުމައްޗަށް ހިލަ ފޭބުމުގެ ސަބަބުން އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ފަރަށް ލިބިފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ބާޖް އަރިއަޅައިގެން ފަރުމައްޗަށް ހިލަ ފޭބުމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާ އެ އިދާރާއަށް ތަފާތު އެކިގޮތްގޮތަށް ލިބެމުން އަންނަ ކަމަށެވެ.

ފުވައްމުލަކަކީ ތިމާވެށީގެ ގޮތުން ބަލާއިރު ވަރަށް ނާޒުކު ފަރެއް އޮންނަ ރަށެއް ކަމަށާއި އެ ރަށުގައި ކުރިއަރަމުން އަންނަ ފީނުމާއި ފަތުރުވެރިކަން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ފަރާއި ކަނޑުގެ ދިރުންތައް ހިމެނޭ ގޮތަށް ފުވައްމުލަކުގެ ތިމާވެށީގެ ރީތިކަމުގެ މައްޗަށް ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ފުވައްމުލައް ކައިރިން މަސްވެރިކަން ކުރުމަށް ފުވައްމުލަކުގެ ފަރަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެއް ކަމަށާއި އެކަންކަން އެހެން ހުރުމުން ބާޖު އަރިއަޅައިގެން ފަރުމައްޗަށް ހިލަ ފޭބުމާ ގުޅިގެން ފުވައްމުލަކުގެ ފަރަށް ލިބޭ ގެއްލުމަކީ ފުވައްމުލަކުގެ ތިމާވެށްޓަށާއި، ފީނުމާއި، ފަތުރުވެރިކަން އަދި މަސްވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ކައުންސިލުން ވަނީ މަޝްރޫއުތައް ކުރިއަށް ގެންދާ މީހުން އެފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރާއި މުއާމަލާތުކޮށްގެން، މިހާދިސާ ހިނގާފައިވާ ގޮތުގެ މައުލޫމާތު ހޯދުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މީގެ އިތުރުން، އެ ހާދިސާ އާ ގުޅިގެން ފުވައްމުލަކުގެ ފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަދި މިކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން އެ މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ފަރަށް ނާރާ ކަމަށް ބުނެ އެ ބާޖް ވަނީ ރާއްޖެއިން ފުރައިފަ އެވެ. އެކަމުގެ ސަބަބުން އީޕީއޭ އިން އެ މައްސަލަ ބަލަން ހުރަސް އެޅިފައިވާތީ، އީޕީއޭ އިން ވަނީ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފަ އެވެ.