ބޮލީވުޑްގެ ސުޕަ ސްޓާ ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޖަވާން"ގެ ޓްރެއިލާ އާއްމުންނާ ހިސާބަށް އައިސްފައިވާއިރު ގިނަ ބަޔަކު އަންނަނީ އެ ޓްރެއިލާގައި ފެންނަ ޝާހުގެ ތަފާތު އެކްޓިން ފާހަގަ ކުރަމުންނެވެ.

އެގޮތުން ޝާހުގެ އެ މަސައްކަތް ފާހަގަކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި އެކަކަކީ ޝާހުއާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ސަލްމާން ޚާން އެވެ.

ސަލްމާން ޚާން އޭނާގެ އިންސްޓަގްރާމްގައި ޖަވާންގެ ޓްރެއިލާ ހިއްސާ ކުރަމުން ބުނެފައިވަނީ އެއީ ވަރަށް މޮޅު ޓްރެއިލާއެއް ކަމަށާއި އެންމެ ފުރަތަމަ ދުވަހު ފިލްމު ބަލާނެ އެކަކަށް އޭނާ ވާނެ ކަމަށެވެ.

https://www.instagram.com/reel/Cujw1A9om9t/?utm_source=ig_embed&ig_rid=c8be2404-3d54-4022-93e7-3ed7b1702a3f

ސަލްމާނާއި ޝާހްރުކް ޚާނާ ދެމެދު ޒަމާނުއްސުރެ ވާދަވެރިކަމާއި ދެކޮޅުވެރިކަން އޮންނަ ކަމަށް އަޑު ފެތުރުނު ނަމަވެސް އެ ދެ ތަރިން ވަނީ އެކި ފަހަރު މަތިން އެކުގައި މަސައްކަތް ކޮށް އެ ވާހަކަތަކުގެ ދޮގުކަން ސާބިތުކޮށްދީފަ އެވެ.

އެގޮތުން އެންމެ ފަހުން ނުކުތް ޝާހުގެ "ޕަތާން"ގައި ވެސް ސަލްމާންގެ ހާއްސަ ފެނިލުމެއް ފެނިގެން ގޮސްފައިވެ އެވެ. އޭގެ އިތުރުން އެ ދެތަރިން އެކުގައި ފެނުނު ފިލްމުތަކުގެ ތެރޭގައި "ކަރަން އަރްޖުން" އަދި "ކުޗް ކުޗް ހޯތާހޭ" ހިމެނެ އެވެ.

އަތުލީ ޑައިރެކްޓްކޮށް ޝާހްރުކް ޚާނާއި ނަޔަންތުރާ ލީޑު ރޯލުން ފެންނަ ޖަވާން ސްކްރީންތަކަށް އަންނަން ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.