އެމްޑީޕީން ސޯސަން މަގުގައި ހިންގި އޮފީސް އިމާރާތް ދޫކޮށްލައި އެހެން ތަނަކަށް އެ އޮފީސް ބަދަލުކޮށްފި އެވެ.

އެމްޑީޕީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެޕާޓީގެ މައި އޮފީސް މިހާރު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން އެޕާޓީގެ މައި އޮފީސް ހުންނާނީ ލިލީމަގުގައި ހުންނަ ގ. ނިއުޝާގައި ކަމަށް އެމްޑީޕީން ބުނެ އެވެ.

ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީގެ އޮފީސް ހިންގަމުން އައީ ސޯސަންމަގުގައި ހުންނަ ހ. ޝަރާޝާ އެވެ.

އެމްޑީޕީން ބުނީ އޮފީސް އިމާރާތް ބަދަލުކުރީ ޕާޓީގެ ހަރަކާތްތައް އިތުރުކޮށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިޔާލު ތަފާތުވެ އެޕާޓީން ވަނީ ދެބައިވެފަ އެވެ. އެގޮތުން އެމްޑީޕީން އާޓިފިޝަލް ބީޗް ކައިރީގައި ހިނގި ޖަގަހަ ވެސް ދޫކޮށްލުމަށް އެމްޑީޕީއަށް މަޖުބޫރުވެގެންދިޔަ އެވެ. އެ ތަން މިހާރު ވަނީ، ނަޝީދު އުފައްދަވާ "ދަ ޑިމޮކްރެޓްސް"ގެ ހަރުގެއަށް ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން، އެމްޑީޕީގެ ރަސްމީ ހަރުގެއެއް އަދި ގާއިމެއް ނުކުރެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ރަސްމީކޮށް ފަށާފައިވާއިރު ޝިއާރަކަށް ކަނޑައަޅުއްވާފައި ވަނީ "އުފާވެރި އަމާންރާއްޖެ" އެވެ.