ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ދިނުމުގެ ތުހުމަތުވާ އަހްމަދު ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑު ޖައްސާލުމަށް އެދިފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން ބުނީ ފުއްގިރި މައްސަލައިގައި ކުރިކު ރިޒާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާ ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. އަދި ކުރިކް ރިޒާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ގެންދަނީ އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުން އަންނަ ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ.

މިމައްސަލާގައި ފުލުހުން އިތުރަށް ބަލަމުންދަނީ ތަހުގީގުގެ ބޭރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އާއި ކްރިކް ރިޒާއާ ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކެއް ހުރި ކަމަށް ބުނާ އޯޑިއޯގެ މައްސަލަ އެވެ.

ޕީޖީ އޮފީހުން ބުނީ ކުރިކް ރިޒާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް, އަހްމަދު ކުރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި, އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުއްވައިދެއްވުމަށް ދަންނަވާފައިވާ ކަމަށެވެ.

މި މައްސަލާގެ ފަސް އަޑުއެހުމެއް ނުބޭއްވި ކެންސަލް ކުރަން ޖެހުނީ ވެސް ކްރިކް ރިޒާ ބަލިވެ އުޅޭ ކަމަށް ބުނެ ކޯޓަށް ހާޒިރުނުވުމުންނެވެ. ބަލިވެ އުޅޭ ކަމުގެ މެޑިކަލް ސެޓްފިކެޓް އައިޖީއެމްއެޗުން ހޯދައި ހުށަހަޅާފައިވެ އެވެ.

ނަމަވެސް އެއީ އެއްވެސް ޓެސްޓެއް ނުހަދާ ހުށަހެޅި ލިޔުންތަކެއް ކަމަށް ބެލެވޭތީ އެ ކަމުގައި ފިޔަވަޅުތަކެއް އެޅުމަށް ޕީޖީން މަސައްކަތްކުރާ ކަން އެނގިފައިވެ އެވެ. އެގޮތުން ރިޕޯޓުގެ މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، ކޯޓުން އެކަމުގައި ވަރަށް އަވަހަށް ގޮތްތަކެއް ނިންމަވާނެކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ.

މި މައްސަލާގައި ކްރިކް ރިޒާގެ އިތުރުން ކުރީގެ ރައީސް ޔާމީނާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.

ކްރިކް ރިޒާ ބަލިވެ އުޅޭތީ ސަރީއަތަށް ހާޒިރު ނުވެވޭތީ ފުއްގިރި މައްސަލަ ވަނީ މަޑުޖެހިފަ އެވެ. ފުއްގިރި މައްސަލައިގައި މިދިޔަ މަހުގެ 19 ވަނަ ދުވަހާއި 20 ވަނަ ދުވަހާއި އަދި މިމަހުގެ ދެވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ޝަރީއަތް ވެސް ކެންސަލް ކުރީ ކްރިކް ރިޒާގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.