އައިނުއަޅާ މީހުންނަކީ އާއްމު ގޮތެއްގައި ވަރަށް ވިސްނުން ތޫނު ބައެއްގެ ގޮތުގައި އަހަރުމެންގެ މުޖުތަމައުގައި ދެކެވިފައި އޮވެ އެވެ. ސުވާލަކީ މިއީ ހަގީގަތެއްތޯ ކުރެވޭ ސުވާލެވެ.

އައިނު އަޅާ މީހުންނަކީ އާންމުކޮށް ފޮތް ކިޔައި އުޅޭ މީހުން ކަމަށް ހީވެފައި އޮންނަނީ ކުރީ ޒަމާނުއްސުރެ އައިނަކީ މީހާގެ ލޮލުގެ ފެނުމަށް ކުރިމަތިވެފައިވާ މައްސަލައެއްގެ ސަބަބުން ފޮތްކިޔަން ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް އުފެއްދިފައިވާ އެއްޗަކަށްވާތީ އެވެ. އެހެން ކަމުން އައިނު އަޅާނީ ވަރަށް ގިނައިން ފޮތް ކިޔާނަމަ ކަމަށް ހީވެ އެވެ.

އެއާއެކު އައިނު އެޅުމުގެ ސަބަބުން މީހާގެ މޫނުގެ ބައެއް ސިފަތައް ގެއްލެ އެވެ. ކޯތާފަތާއި ނޭފަތް އަދި ލޯކައިރީގެ އިތުރުން ބުމައިގެ ބައެއް ސަރަހައްދުތައްވެސް އައިނުގެ ސަބަބުން ފޮރުވައިދޭއިރު އައިނު އަޅައިގެން ހުންނަ މީހާ ފެންނަ އެހެން މީހުންނަށް އެމީހާއާ ބެހޭ ގޮތުން މާ ގިނަ އެއްޗެއް ބަލާބެލުމަށް ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

މިހެންވުމުގެ ސަބަބުން އައިނު އަޅާ މީހާއަކީ ވިސްނުންތޫނު މީހެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށްވެސް ބައެއް ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ.

އެމެރިކަން އެކަޑެމީ އޮފް އޮފްތަލްމޮލޮޖީގެ ދިރާސާއެއްގައި ބުނާ ގޮތުން ނަމަ މި ހީވުމަކީ ތެދެކެވެ. އެ ދިރާސާގައި ބުނެފައިވަނީ މީހާގެ ލޮލުގެ ފެނުން ކޮށިވުމާއި އޭނާ ތައުލީމު އުނގެނެން ނުވަތަ ކިޔަވަން މަސައްކަތްކުރާ މިންވަރާ ގުޅުމެއް އޮވެ އެވެ.

އެހެން ކަމުން އައިނު އަޅާ މީހުން ވިސްނުން ތޫނު ކަމަށް ހީވެފައި އޮންނަ ހީވުމަކީ ހަމައެކަނި ހީވުމެއް ނޫނެވެ. އެފަދަ މީހުންނަކީ ހަގީގަތުގައި ވެސް އެހެން މީހުންނާ އަޅާ ބަލާއިރު ވިސްނުން ތޫނު މީހުން ކަމަށް ބުނެވިދާނެ އެވެ.