މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒް، އަނިޔާވި އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ހަފީޒް އެކްސިޑެންޓްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ފަތިސް ނަމާދުން ފައިބައިގެން މަޖީދީ މަގު ހުރަސް ކުރައްވަނިކޮށް މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އެވެ.

ސައިކަލު ދުއްވަން އިނީ އުމުރުން 22 އަހަރުގެ ޝަމްއާން އަބްދުއްޝަކޫރެވެ. ހަފީޒްގެ ހާލު ސީރިޔަސްވެ ފުރާނަ އަށް ނުރައްކާވެފައިވާ އިރު އޭނާ ހައްޔަރު ނުކޮށް ދޫކޮށްލާފައި ހުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަވެސް ޖަހާފައިވަނީ 15 ދުވަހެވެ. ބަންދާ މެދުގައި އިތުރަށް ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ގެންދިޔުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

ހަފީޒަށް މިހާރު އަންނަނީ އިންޑިއާގައި ފަރުވާ ދެމުންނެވެ. އެންމެ ފަހުން އޭނާގެ އާއިލާ އިން މައުލޫމާތު ދިން ގޮތުގައި އޭނާގެ ދެ ސާޖަރީ އަކަށް ފަހު މިހާރު ވެންޓިލޭޓަރުން ވަނީ ނަގައިފަ އެވެ.

ސައިކަލު ދުއްވި މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާއިރު ހަފީޒު ހޮސްޕިޓަލަށް ގެންދިޔަ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.