ކަންގަނާއަކީ ބޮލީވުޑްގައި މައްސަލަ ބޮޑު އެކްޓަރެއްގެ ގޮތުގައި މަޝްހޫރު ފަރާތެކެވެ. އެހެން އެކްޓަރުންނާ ބެހޭ ގޮތުން އޭނާ ދައްކާ ވާހަކަތަކުގެ ސަބަބުން އޭނާއަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެ އެވެ.

އެންމެ ފަހުން ކަންގަނާގެ ވާހަކަތަކުގެ ޝިކާރައަކަށް ވެފައިވަނީ ރަންބީރާއި އާލިއާ އެވެ. އެ ދެމަފިރިންނާ ބެހޭ ގޮތުން ކަންގަނާ ދެއްކި ވާހަކަތަކާއެކު އަނެއްކާވެސް އޭނާ މިވަނީ ހޫނުފެނަށް ވެއްޓިފަ އެވެ.

ކަންގަނާ ބުނެފައިވަނީ ރަންބީރާއި އާލިއާއަކީ "ފޭކް" އަދި ދެއްކުންތެރި ބައެއް ކަމަށާއި އުފާވެރި ކައިވެންޏެއްގައި އުޅޭ ކަމަށް ދައްކާ ދެއްކުމަކީ ހަގީގަތެއް ނޫން ކަމަށެވެ.

އެގޮތުން ރަންބީރާއި އާލިއާގެ ކައިވެނީގައި މިހާރު ވެސް ކުނި ޖެހިފައިވާ ކަމަށާއި އެ ދެމީހުން ނިދަނީ ވެސް ވަކިން ކަމަށް ކަންގަނާ ބުނެފައިވެ އެވެ.

ކަންގަނާގެ މި ވާހަކަތައް އައިސްފައިވަނީ ރަންބީރުގެ މަންމަ ނީތޫ ކަޕޫރުގެ އުފަންދުވަހާ ގުޅިގެން އާލިއާނާ ނުލައި ރަންބީރު މަންމައާ ބައްދަލު ކުރަން ދުބާއީއަށް އެކަނި ދިޔަ ދަނޑިވަޅެއްގަ އެވެ.

އެ ދަތުރުގައި އާލިއާއަށް ބައިވެރި ނުވެވުނީ މަސައްކަތްތައް ހުރި ގޮތުން ނަމަވެސް ކަންގަނާގެ ވާހަކަތަކުން ދޭހަވަނީ އޭނާ ރަންބީރާއެކު ނުދިޔައީ އެ ދެމީހުންގެ ދެތެރޭގައި މައްސަލަ ޖެހިފައިވާތީ ކަމަށެވެ.

ކަންގަނާގެ ވާހަކަތަކާ ބެހޭގޮތުން ރަންބީރުގެ ދެމަފިރިން ބުނީ ކަންގަނާއަށް އެ މީހުންގެ ގޮތް ނޭނގޭނެ ކަމަށާއި އެއީ ރަހްމަތްތެރިން ނޫން ކަމަށެވެ.