އިންޑިއާގެ މަހާރަޝްތުރަ ސްޓޭޓްގެ ފަރުބަދަމަތީ އަވަށަކަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާއެއްގައި 16 މީހުން މަރުވެއްޖެ އެވެ.
މަރުވި މީހުންގެ އިތުރުން 119 މީހަކު އަދިވެސް ތާށިވެފައިވާ ކަމަށް މަހާރަޝްތުރާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
އިންޑިއާގެ ހުޅަނގުގެ މަހާރަޝްތުރާ ސްޓޭޓުގެ ވިލެޖެއް ކަމަށްވާ އިރުޝަލް ވާދީގައި ބުދަ ދުވަހު މި ހާދިސާ ހިނގާފައި ވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ. އިންޑިއާގެ އެކި ހިސާބުތަކަށް އާދަޔާ ޚިލާފު ބޯކޮށް މި ދުވަސްވަރު އަންނަނީ ވާރީ ވެހެމުންނެވެ. ބުދަ ދުވަހު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެތައް ގެއެއް ބިމާ ހަމަވުމުގެ ސަބަބުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ސަތޭކައަށް ވުރެ ގިނަ މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވާރޭގެ ސަބަބުން ވަނީ ހުރަސް އެޅިފަ އެވެ. އިއްޔެ ހަވީރާ ހަމަޔަށް ވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށޭ ގޮތެއް ނުވެ އެވެ.
ބިންގަނޑު ކަނޑައިގެން ދިޔަ އަވަށަކީ ފަރުބަދަ މަތީގެ އުސް ހިސާބެއްގައި އޮތް އަވަށަކަށް ވެފައި ބޯކޮށް ވެހޭ ވާރެއާއެކު އުފެދިގެން އަންނަ ކިސަޑުގެ ސަބަބުން މީހުން ސަލާމަތް ކުރާ ބަރު މެޝިނަރީތަކާއި ވެހިކަލްތައް އެހިސާބަށް ގެންދެވޭ ގޮތެއް ނުވެ އެވެ. އެހެންކަމުން މަސައްކަތް ކުރަންޖެހިފައި ވަނީ މެޝިނަރީތަކާ ނުލައި އަތުންނެވެ.
ސިފައިންނާއި އާންމުންގެ ގްރޫޕަކުން މީހުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތަށް މާބޮޑު ކުރިއެރުމެއް ލިބެމުން ނުދެ އެވެ. އިންޑިއާގެ މޫސުން ކުރިޔަށް ލަފާކުރާ ގޮތުން އެހިސާބަށް ކުރަމުންދާ ވިއްސާރަ ކުރިޔަށް އޮތް ދެ ހަފުތާގައި ވެސް ގަދަޔަށް ކުރާނެ އެވެ.