ފުވައްމުލަކުގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު "ޓައިގާ ޝާކް ޕޮއިންޓް" އާއި އެ އަތޮޅުގެ އިހުތިސާސްގައި ހިމެނޭ ކަނޑުގެ އެހެނިހެން ސަރަހައްދުތަކުގައި ފީނާ މީހުން އަތުން ކައުންސިލުން ފީއެއް ނެގުމަށް ނިންމާފައިވާތީ އެކަމާ ދެކޮޅަށް އެރަށުގެ ޑައިވަރުން އިހުތިޖާޖްކުރަން ފަށައިފި އެވެ.

ފުވައްމުލަކު އިހުތިސާސްގައި ހިމެނޭ ސަރަހައްދުގައި ފީނުމަށް ފީއެއް ނެގުމަށް ކައުންސިލުން ނިންމާފައި ވާތީ މިއަދު ކައުންސިލު އިދާރާ ތެރޭގައި އެރަށުގެ ޑައިވަރުން ވަނީ އިހުތިޖާޖް ކުރަން ފަށައިފަ އެވެ.

ޑައިވަރުން އިހުތިޖާޖް ކުރަމުންދަނީ އެމީހުންގެ ޝޫއޫރުތައް ފެންނަ ބޯޑުތަކާއެކު އެވެ. ބައެއް މޭޔަރު އިސްމާއީލް ރަފީގުގެ އިސްތިއުފާއަށް ވެސް ގޮވި އެވެ.

ޑައިވަރުން ކައުންސިލު އިދާރާގައި އިހުތިޖާޖު ކުރަނީ "ފުވައްމުލަކު އިހުތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދު ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖުކުރުމާ ބެހޭ ގަވާއިދު" ގެޒެޓްކޮށް ފީގަން ނިންމުމާ ގުޅިގެންނެވެ. މީގެ ކުރިން ވެސް މިގަވާއިދާ މެދު ހިތްހަމަނުޖެހުން ޑައިވަރުން ވަނީ ފާޅުކޮށްފަ އެވެ.

ގަވައިދުގައިވާ ގޮތުން ފީ ނެގުމަށްފަހު ފީނަން ދެނީ 15 ދުވަހުގެ ހުއްދަ އެކެވެ. ފީ ނަގަން ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގެ އުޅަނދުތަކުގައި ފުވައްމުލަކަށް ޑައިވްކުރަން ދިވެހިންނަށާއި ރާއްޖޭގެ ވޯކް ވިސާ އޮންނަ މީހުންނަށާއި ސްޓޫޑެންޓް ވިސާ އޮތް މީހުންނަށް ބޮލަކަށް 200 ޑޮލަރާއި ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން އެ ރަށަށް ޑައިވްކުރަން ދާ މީހުންގެ ތެރެއިން މީހަކަށް 20 ޑޮލަރު އަދި ފުވައްމުލަކުގެ ޑައިވް ސްކޫލްތައް މެދުވެރިކޮށް ދާ މީހުންގެ ތެރެއިން ބޮލަކަށް 20 ޑޮލަރެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގެ އުޅަނދުތަކުގައި ފުވައްމުލަކަށް ޑައިވްކުރަން ދާ ބިދޭސީންނަށް ބޮލަކަށް 200 ޑޮލަރާއި، ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން އެ ރަށަށް ޑައިވްކުރަން ދާ ބިދޭސީންގެ ތެރެއިން މީހަކަށް 20 ޑޮލަރުއި އަދި ފުވައްމުލަކުގެ ޑައިވް ސްކޫލްތައް މެދުވެރިކޮށް ދާ ބިދޭސީންގެ ތެރެއިން ބޮލަކަށް 20 ޑޮލަރެވެ.