ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުން ހުއްޓަސް ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ތިއްބެވީ ވަރަށް ބަދަހިކަމާއި ވަރަށް ސާބިތުކަމާއެކީގައި ރައީސް ޔާމީންގެ ފަހަތްޕުޅުގައިކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

"ދިޔަރެސް" ގެ ފެންޑާ ޕްރޮގުރާމުގައި ރޭ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިއީ މިޕާޓީއަށް އުނދަގޫ ވަގުތެއް ކަމަށާއި އެހެން ނަމަވެސް ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ތިއްބެވީ ބަދަހިކަމާއެކު ކަމަށެވެ.

ޕީޕީއެމް ތެރޭގައި ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާ ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި މަސައްކަތް ކުރައްވާ އެކި ދާއިރާތަކުގެ ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ ކުރިއަށްދާން ބޭނުންފުޅުވާނެ ކަމަށާއި އެއީ މައްސަލައެއް ވެސް ނޫން ކަމަށެވެ.

"ރައީސް ޔާމީން ވެސް އަބަދުވެސް ވިދާޅުވާނެ އެމަނިކުފާނު މަސައްކަތް ކުރައްވަނީ އަޅުގަނޑުމެންގެ ކުރިމަގަށޭ. ކުރިއަށްދާނެ މަގު އެމަނިކުފާނު ބްލޮކެއް ނުކުރައްވާ،" ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ މިހާރު ގައުމު މިއޮތް ހާލަތް ރަނގަޅު ކުރެވޭނީ ރައީސް ޔާމީނަށް ކަމަށެވެ. އެހެންވެ ރައީސް ޔާމީން ވެރިކަމަށް ގެންނަވަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން އެންމެން ތިބީ އެއްބަސްވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ޕީޕީއެމް ތެރޭގައި ބަދަހިކަން އޮތް ނަމަވެސް ޕާޓީ ތެރޭގައި ގޮސްތަކެއް ހަދާ އެ ޕާޓީ ރޫޅާލުމަށްޓަކައި ސަރުކާރުން ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެކަމަށް ހުރިހާ ލީޑަރުންވެސް ތިއްބެވީ ވަރަށް ފާރަވެރިވެގެން. އަޅުގަނޑު ޔަގީންކޮށްދެން ޕީޕީއެމްގެ ސަޕޯޓަރުންނަށް މިއީ އުނދަގޫ ވަގުތެއް ނަމަވެސް މިއީ ނާއުންމީދީ ވަގުތެއް ނޫން،" ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށާ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހޯދުމަށް ޕީޕީއެމް ކޯލިޝަން އިން އަންނަނީ ކޮންމެ ދުވަހަކުވެސް އެކި މުއައްސަސާތަކާ ބައްދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އެކަން އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ.

ހައިކޯޓުގައިވާ މައްސަލައިގެ އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފަ އެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުންނެވެ.

ރައީސް ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ނިހާއީ ހުކުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދާނެތޯ ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.