މިނިވަންކަމާއި އިސްތިގްލާލު އެންމެ ފުރިހަމައަށް ދެމެހެއްޓިފައިވޭތޯ ރައްޔިތުން ސުވާލުކުރަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިފަދައިން ވިދާޅުވީ "ދިވެހިންގެ ގައުމު ދިވެހިންނަށް" މި ޝިއާރުގެ ދަށުން މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީގެ އުތުރު ކެމްޕެއިން ޓީމްގެ ފަރާތުން އިސްނަގައިގެން ބޭއްވި ހާއްސަ ބައްދަލުވުމަށް ފޮނުއްވި އޯޑިއޯ މެސެޖުގަ އެވެ.

"މިނިވަންކަމުގެ ބަތަލުގެ ފަހަށް ދިވެހިންގެ މިނިވަންކަމާއި އިސްތިގްލާލު އެންމެ ފުރިހަމައަށް ދެމެހެއްޓިފައިވޭތޯ ރައްޔިތުން ސުވާލުކުރޭ. ރާއްޖޭގެ ހުރިހާ ކަންކޮޅަކުން އިވެމުންދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ހިޔާލުތައް. ތަފާތު މާނައިގައި،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ގައުމަށް މިނިވަންކަން ހޯދައިދެއްވުމަށް ރައީސް އިބްރާހީމް ނާސިރު ކުރެއްވީ އަގުނުކުރެވޭ ފަދަ މަސައްކަތްތަކެއް ކަމަށެވެ. އަދި މިނިވަންކަން ދެމެހެއްޓުމަށް ރައީސް މައުމޫނު ކުރެއްވި މަސައްކަތަށް ވެސް ގާސިމް ތައުރީފްކުރެއްވި އެވެ.

ގާސިމް ވިދާޅުވީ މިނިވަންކަން ހޯދައިދެއްވި ބޭފުޅުން ގައުމަށް ގެނެސްދިން މިނިވަންކަމާއި އިސްތިގުލާލު އެ ގޮތުގައި އޮތްތޯ ރައްޔިތުން އަހަމުންދާ ކަމަށެވެ.

"ހަމަ އެހެންމެ އެތެރޭގެ ހަމަނުޖެހުންތައް ނައްތާލައި ގައުމު ބައިބައިވުމުގެ ނުރައްކަލުން ސަލާމަތްކުރެއްވި ބަތަލަކީވެސް މަރުހޫމް އިބްރާހީމް ނާސިރު. މީގެ އިތުރުން އެމަނިކުފާނަކީ ގައުމުގެ އިގުތިސޯދު ސުމަކުން ފަށައިގެން ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާއަތުގައި އެއީ ގައުމުގެ އިގުތިސޯދުގެ މައި ދެ ތަނބުގެ ގޮތުގައި ތަރައްގީކުރެއްވި ބޭފުޅާ ވެސްމެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ މިނިވަންވީއިރާއި މިހާރާއި އަޅާކިޔައި ވަޒަންކޮށްލަން ޖެހޭ ކަމަށެވެ. އަދި މިނިވަންކަން ދެމެހެއްޓުމަށް ހުންނަންޖެހޭ ސިފަތައް ދިވެހި ވެރިންގެ ކިބައިން ނެތި ދިއުމަކީ ހިތާމައެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.