މި އަހަރުގެ ދެވަނަ ކުއާޓާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފައިދާގެ ގޮތުގައި 552 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އާއްމުކުރި ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުން 1.06 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއަށް ވުރެން އިތުރު އަދަދެކެވެ، މިިދިޔަ އަހަރު ދެ ވަނަ ކުއާޓަރުގައި ލިބުނީ 915 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ.

ބޭންކުގެ މާލީ ހިސާބުތަކަށް ބަލާއިރު، މިދިޔަ ކުއާޓަރުގައި 552 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު އިރު، އޭގެ ކުރީ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނީ 504 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ލިބިފައިވަނީ 354 މިލިއަން ރުފިޔާގެ ފައިދާ އެކެވެ.

ބީއެމްއެލްއިން ބުނީ ވިޔަފާރިތަކަށާއި އާންމުންނަށް އާ ލޯނުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. އަދި އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށް ދުވާލަކު 232،000އަށް ވުރެ ގިނަ މުއާމަލާތް ހިންގާފައިވާއިރު އޭޓީއެމްތައް މެދުވެރިކޮށް ދުވާލަކު 40،000 މުއާމަލާތް ހިންގާފައިވާ ކަމަށް ބީއެމްއެލްއިން ހާމަކުރެ އެވެ. މިހާތަނަށް 29.1 ބިލިއަން ރުފިޔާ ބީއެމްއެލްގައި ޑިޕޮސިޓް ކޮށްފައިވާ ކަމަށް އެބޭންކުން ބުނެ އެވެ.